ގާޒީ އަލީ ޝަރީފްގެ މައްސަލަ ބަލާ ކޮމިޓީގައި އޭނާ އިންނަ ވަހާކަ ޖޭއެސްސީން ދޮގުކޮށްފި

ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ޢަލީ ޝަރީފުގެ މައްސަލަ ބަލާ ކޮމިޓީގައި އޭނާ ހިމެނިވަޑައިގަންނަވާ ވާހަކަ ޖޭއެސްސީން ދޮގުކޮށްފިއެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އަލީ ޝަރީފްގެ މައްސަލަ ބަލަމުންދާ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި އޭނާ ހިމެނިވަޑައިގަންނަވާކަމަށް އޮންލައިން ނޫހަކުން ޚަބަރު ފަތުރައިފައިވާކަމަށެވެ. ނަމަވެސް އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަހުގީގު ކޮމިޓީއެއްގައި އެބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ޖޭއެސްސީން ބަލަމުންދަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ، އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާއަށް މެޖިސްޓްރޭޓް ޢަލީ ޝަރީފު ހުކުމް ކުރެއްވި ގޮތާ ގުޅޭ މައްސަލައެކެވެ. މަސްއޫދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ދައުވާކުރީ ލ. ފޮނަދޫ, ދިލްކުސާގެ, އަޙްމަދު ޝަމީމްގެ މައްޗަށެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިވެއެވެ. އެ މައްސަލައިގައި ޝަމީމް ހައްޔަރުކުރުމަށް ފަހު، ހުކުމް ކުރީ މިދިޔަ މަހުއެވެ. އެ ހުކުމުގައި ވަނީ މަސްއޫދަށް ހަމަލާ ދިން ކަމަށް ޝަމީމްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. އިތުރަށް ކިޔާލުމަށް: މަސްއޫދަށް ދިން ހަމަލާ: ދައުވާ ސާބިތުނުވާ ކަމަށް ނިންމި ގާޒީގެ މައްސަލަ ޖޭއެސްސީއަށް އޭގެ ސަބަބުން، މަސްއޫދުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ވަނީ އޭނާއަށް ހަމަލާ ދިން މައްސަލައިގެ ހުކުމް ކުރެއްވުމުގައި އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހުކުމް ކުރެއްވުމުގައި ގާޒީ ވަނީ، ޝަރީއަތުގައި ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފުވެފައިވާ ކަމަށް ވެސް ޝަކުވާގައިވެއެވެ. ގާޒީ ޢަލީ ޝަރީފުގެ ހުކުމުގައި މަސްއޫދާއި އޭނާގެ އަންހެނުން އާޝިޔާގެ ހެކިބަސް ބަލައިނުގަތުމަށް ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މަސްހަލަތަށް ފުށޫއަރާތީ ކަމަށެވެ. މަސްއޫދުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ގޮތް ނިންމެވިއިރުވެސް އެ ހާލަތްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށާއި ކުރިން ނިންމީ އެ ދެ މީހުންގެ ހެކިބަސް ބަލައިގަންނަން ކަމަށެވެ. ހަމައެއާއެކު، އެއް މަރުހަލާއެއްގައި ނިންމާ ނިންމުންތަކާ ތައާރުޟުވާ ގޮތަކަށް މައްސަލަ ނިންމުމުގެ ބާރު އެ މަރުހަލާއެއްގެ ކޯޓުތަކަށް ލިބިގެންނުވާކަން ފާހަގަކޮށް އެ ޝަކުވާގައި ވަނީ އެ މައްސަލަ ނިންމަވާފައިވަނީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ، އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ