މޫސުން ގޯސް، ނ. އަތޮޅުން އައްޑޫ އާއި ހަމައަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން މިފަހަރު ހުދު ސަމާލް ނެރެފައިވަނީ ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އިދާރާއިން ބުނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން، އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިމިވަނީ، ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް މިއަދު ހެނދުނުވެސް އެލާރޓް ނެރުމަށް ފަހުގައެވެ.
މޫސުން ގޯސްވެ، މާލެއަށް ބޯކޮށް ވިއްސާރަ ވުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ މާލޭގެ މަގުތަކުގައި ފެން ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ