އަލީ ވަހީދު ފްރޭމްކުރެވިފައި ހުރެދާނެ ބާއޭ ވެސް ހިތަށް އަރާ: ގާސިމް

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަަލަައިގައި، ބައެއް ފަހަރު އަލީ ވަހީދު ފްރޭމްކުރެވިފައިވާކަމަށް ވެސް ހިތަށް އަރައިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަލީ ވަހީދުގެ ފަރާތުން އެފަދަ އަމަލެއް ފެންނާނެކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަނިކުފާނުގެ މައްސަލައިގައި ޝަރީއަތަށް ސާބިތެއް ވެސް ނުވޭ. އަޅުގަނޑު ގަބޫލުކުރާ ހިތް ނުވެގެންނެއް ނޫން މިއުޅެނީކީ އެމަނިކުފާނު ހުރީ ފްރޭމްކޮށްފައި ނޫންކަމަށް ވެސް،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން އަމަލުކުރަމުން އަންްނަނީ ވަރަށް ޒިންމާދާރުކަންކުޑަ ގޮތަކަށްކަމަށެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓުތައް ކެންސަލް ކުރަން ހުށަހަޅާފައިވާއިރު އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލްކުރަން ވެސް ހުށަހަޅައިފައިވުމުން އެކަމުގައި ދައުލަތުގެ ޒިންމާދާރުކަން ކުޑަ މިންވަރު ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. "ޑިޕްލޮމެޓިކް ޕާސްޕޯޓު، އެއީ ކެންސަލްވެފައި އޮތް އެއްޗެއް ކެންސަލް ކުރަން މި ދައުވާކުރަނީ. އެހެންވީމާ މިކަހަލަ ކަންތައްތައް ހިނގައި ދިޔައިމާ ދެން ވަރަށް ނިކަމެއްޗޭ އަޅުގަނޑު ދަންނަވާ ހިތްވަނީ،" ގާސިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަަ ނިމިގެންދާއިރު އެ މައްސަލަ ނިމިގެންދާނީ އޭނާއާ އެއްކޮޅަށްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭކަމަށެވެ. އަދި އަލީ ވަހީދަކީ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ފަދަ އަމަލެއް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ގަބޫލުކުރައްވަން ދަތިކަމަށް ވެސް ވިދާޅުވިއެވެ. "އެހެންނަމަވެސް ހުރެދާނެ އިނގޭތޯ، ހަމަ ކަމެއް ކޮށްފައި ވެސް ހުރެދާނެ އިނގޭތޯ. މީ ހަމަ ދެކޮޅަށް ވެސް ބުނަންޖެހޭ ކަމެއް،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ