މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް ހަދަނީ އޭސީސީގެ ލަފައާއި ހިލާފަށް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކުރީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެއްވާފައިވާ ލަފައާއި ހިލާފަށް ކަން ހާމަވެއްޖެއެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.
ގަވާއިދުގެ އެ ބައި އިސްލާހުކޮށް، މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރަން ނުޖެހޭ ގޮތަށް އިސްލާހު ގެންނަން އާންމު ކޮމެޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމެޓީން ނިންމީ މެމްބަރުންގެ އަނބިންނާއި ދަރިން ނުހިމެނޭ ގޮތުން މެމްބަރުގެ މާލީ ބަޔާން އެކަނި އާންމު ކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށެވެ.
ކޮމެޓީން އެގޮތަށް ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށާއި އެފަރާތްތަކުން ވެސް ލަފާ ދިނީ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށް ކަމުގައި ކޮމެޓީން ވަނީ ބުނެފައެވެ.
ނަމަވެސް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާލީ ބަޔާނުގެ މައްސަލައިގައި އޭސީސީން ދިން ލަފާ އާއްމު ކުރައްވާފައެވެ. (ޝިއުނާގެ ޓްވިޓާ އެކައުންޓުން ވަނީ "ވަގުތު" ބްލޮކް ކޮށްފައެވެ.)
އޭސީސީން ފާހަގަކުރައްވާ ގޮތުގައި މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ޒާތީ އަދި ޝަޚްސީ މަޢުލޫމާތު ނުހިމަނައި، އެ ބަޔާންތައް ޢާންމުކުރުމަކީ، ހުށަހަޅާ ފަރާތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ޔަޤީންކޮށްދީ، އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާމެދު އުފައްދާ ސުވާލުތަކާމެދު ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އަދި މާލީ ބަޔާން ހާމަކުރުމަކީ ރައްޔިތުންނަށާއި މަދަނީ މަދަނީ މުޖުތަމަޢުއަށް ފާރަވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމެއްކަމަށެވެ.
ނަމަވެސް، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އޮތްނަމަވެސް އެ މަޢުލޫމާތުތައް ޢާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއްކަމަށް އޭސީސީން ފާހަގަ ކޮށްފައި ވެއެވެ.
މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން ހާމަނުކުރަން އޭސީސީން ލަފާ ދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކާއި އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. އެ ބަޔާން ހުށަނާޅައިފި ނަމަ، އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު ޖަލްސާތަކަކާއި ކޮމެޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ. ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި މުސާރަ ވެސް ކެނޑޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ