ގާސިމް އިންޑިއާ ސަފީރު މިޝްރާއާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ހެނދުނު 11:00 އިން ފެށިގެން ދެ ގަޑިއެއްހާއިރު ވަންދެން ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ގާސިމްގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވާހަކައެއް ނުދެއްކި އެވެ.
މިދިޔަ އޭޕްރީލް މަހު އުފެދުނު ސިޔާސީ ކޯޅުންތައް ހޫނުވި ދަނޑިވަޅުގައި ގާސިމާއި އިދިކޮޅު އެހެން ބައެއް އިސްބޭފުޅުން އިންޑިއާ ސަފީރު މިޝްރާއާ ބައްދަލުކުރެއްވުމަށް ފަހު، އިންޑިއާ ހައި ކޮމިޝަންގެ ބޭރުގައި.---މިހާރު ފައިލް ފޮޓޯ
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ހަރަކާތުގެ އެންމެ އިސް އެއް ލީޑަރު، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލުކުރެއްވިއިރު، އެ ގައުމުން އެދެނީ ސުލްހަވެރިކަމާއި ފާގަތިކަން ލިބި ރައްޔިތުންގެ އުންމީދުތައް ހާސިލްވާ ގައުމަކަށް ރާއްޖެ ވުމަށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލް ސްޕޯކްސް ޕާސަން ގޯޕާލް ބަގްލޭ ވިދާޅުވީ ރާއްޖެ ހަމަޖެހުމާއި ތަރައްގީއަށް އެއްބާރުލުން ދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެެފައިވާ ގޮތުގައި، ބަގްލޭ މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާ މެދު އިންޑިއާއިން ދެކެނީ ކޮން ގޮތަކަށްތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ، ފަހަކަށް އައިސް ހިމޭނުން އޮންނަ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ މެދު، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވަނީ ވަަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ރިޔާޒް، މިޝްރާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އާއިލާއާ އެކު މިޝްރާ ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ރިޔާޒް ޓުވީޓް ކުރެއްވުމާ އެކު، އައި ފާޑުކިޔުންތަކުގެ ތެރެއިންނެވެ.
Safeeruge faibudakah nuvetteynan: Riyaz Rasheed
Mihaaru
އެ ވާހަކަތަކާ ގުޅިގެން މިޝްރާ ކުރެއްވި ޓުވީޓެއްގައި ވަނީ މަހްލޫފެކޭ އެއްގޮތަށް ރިޔާޒަށް ވެސް ރޭގަނޑުގެ ކެއުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާޒްގެ ގެއަށް ވަޑައިގެން ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް އިންޑިއާ އިން މިހާތަނަށް ކަނޑައެޅި އެހެން ސަފީރުންނާ ޚިލާފަށް މިޝްރާ މަޝްހޫރު ވެފައި ވަނީ އެކިއެކި ފިކުރުގެ މީހުންނާ ވެސް ވަރަށް ގިނައިން ބައްދަލުކުރައްވައި އެ ބައްދަލުވުންތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ