ކުޅުންތެރިން ކްލަބުގެ ކޮންޓްރެކްޓަށް އިހުތިރާމް ކުރަން ޖެހޭ: އަލީ އުމަރު

ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ފުޓްސަލް މުބާރާތްތައް ކުޅޭ މައްސަލައަށް އޮތް ހައްލަކީ ކުޅުންތެރިން ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމްކުރުން ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް އަލީ އުމަރު ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގެ ބައެއް ކުޅުންތެރިން ފުޓްސަލް މުބާރާތްތައް ކުޅެން ދާތީ ކްލަބުގެ މުހިއްމު ބައެއް މެޗުތައް ވެސް ވަނީ ގެއްލިފަ އެވެ. ދާދި ފަހުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވަމީ ކްލަބަށް ވުރެ ފުޓްސަލް މުބާރާތްތަކަށް އިސްކަންދިން ޒުވާން ތިން ކުޅުންތެރިއަކަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ދާދި ފަހުން ވިދާޅުވީ ފުޓްސަލުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ހިތާމަކުރާ ކަމަށެވެ. އަދި ކުޅުންތެރިންނަށް ކްލަބްތަކުން މިލިއަނުންކޮށްފައިވަ އިންވެސްޓްމަންޓް ބޭކާރުވުމުގެ ކުރިން އެފްއޭއެމުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ޓްވިޓާގައި ފާޅުކުރެއްވި ހިޔާލެއްގައި އަލީ އުމަރު ބުނީ "މައްސަލައަކީ ފުޓްސަލް މުބާރާތްތައް ނޫން ކަމަށާއި ނުވަތަ އެފްއޭއެމްގެ ޕޮލިސީ ވެސް ނޫން" ކަމަށެވެ.
"ކުޅުންތެރިން އެބަޖެހޭ އެ ކުޅުންތެރިންގެ ކޮންޓްރެކްޓަށް އިހުތިރާމްކުރަން މިއަށް ވުރެ ޕްރޮފެޝަނަލްވާން،" އެންމެ މަތީ ފަންތީގައި 16 އަހަރު ފުޓްބޯޅަ ކުޅެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހާސިލްކޮށްފައިވާ އަލީ އުމަރު ބުންޏެވެ.
އޭނާ ބުނީ ކްލަބްތަކުގެ ކަންބޮޑުވުމުން ގަބޫލުކުރާ ކަމަށާއި އެކަމަކު ކުޅުންތެރިން ކޮންޓްރެކްޓަށް އިހުތިރާމްކުރުން ނޫން ހައްލެއް މި ވަގުތު ނެތް ކަމަށެވެ. ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ކޮންމެ ގޮތަކަށް އޮތަސް ބައެއް ކުޅުންތެރިން ކްލަބަށް ނާންގައި ވެސް މުބާރާތްތައް ކުޅެ އެވެ. ކްލަބުގެ ހުއްދަ ހޯދައިގެން ކުޅުނު ނަމަވެސް އޭގެ ސަބަބުން އެ ކުޅުންތެރިއާ ކްލަބަށް ދޭ ސަމާލުކަމަށް އަސަރުކުރެ އެވެ.
އިތުރު ގޮތެއް ނޯންނާތީއާ އެކު އޮފީސް ޓީމަށް ފުޓްސަލް ކުޅެން ކުޅުންތެރިން ދޫކުރަން ކްލަބްތަކުން އެއްބަސްވި ނަމަވެސް މާލެ އާއި ރަށްރަށުގައި ބާއްވާ ކުދިކުދި މުބާރާތްތައް ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ގަބޫލެއް ނޫނެވެ.
އަޅުގަނޑުމެން ކޯޗުންނަކީ އަބަދުވެސް މިހެން ބާއްވާ ފުޓްސަލް މުބާރާތްތަކަށް ކުޅުންތެރިން ފިޓްކޮށް ތައްޔާރުކުރަން ތިބޭ ބަޔަކަށް ވެގެން މިކަންތައްތަކެއް ނުވާނެ. ދެ މީހަކު އެއްވެލާފައި ބާއްވާ މުބާރާތްތަކަށް، އީގަލްސް އިން ލައްކައިން ހަރަދުކޮށްފައި ތިބި ކުޅުންތެރިން ދޫކުރަން ބޭނުމެއް ނޫން،" އީގަލްސްގެ ކޯޗު ސާންތީ މިދިޔަ ހަފުތާގައި ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށް ކުޅުންތެރިން މަތީ ފަންތީގައި ކޮންމެވެސް އެއް ކުޅިވަރެއް ހިޔާރުކުރަން ގަވާއިދު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން މިކަމަށް ހައްލެއް އަންނާނެ ކަމަށް ކްލަބްތަކުން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ