މިއީ ރައްޔިތުން އިންތިހާބްކޮށްފައިވާ އިއްތިހާދުގެ ސަރުކާރެއް ނަމަވެސް، މި ސަރުކާރު ކުރިއަށްދަނީ އިއްތިހާދުގެ ސަރުކާރެއްގެ ގޮތުގައެއް ނޫން: ނައިބް ރައީސް

މި ސަރުކާރަކީ ރައްޔިތުން އިންތިހާބްކޮށްފައިވާ އިއްތިހާދުގެ ސަރުކާރެއް ނަމަވެސް މި ސަރުކާރު ކުރިއަށްދަނީ އިއްތިހާދުގެ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށާއި ނައިބް ރައީސް ކަމުގެ މާޤާމު ފުރުއްވަމުން ގެންދަވަނީ ހިތްޕުޅުހަމަޖެހިވަޑައިގެން ނޫން ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.ވީޓީވީގެ "ހޫނުގޮނޑި" މިސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ރޭ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީ އިއްތިހާދުގެ ސަރުކާރެއް ނަމަވެސް މި ސަރުކާރުގެ ކަންތައްތައް ކުރިއަށްދަނީ އިއްތިހާދުގެ ސަރުކާރެއްގައި ކަންތައްތައް ކުރިއަށްދާ ގޮތަށް ނޫން ކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރު އިންތިހާބްކުރީ އިއްތިހާދުގެ ކުރިއަށް ނުކުމެ ތިބި އެންމެ މީހެއް ދެ މީހެއްގެ ސަބަބުން ނޫން ކަމަށާއި ރައްޔިތުން ދުށީ އިއްތިހާދުގެ ކުރިއަށް ނުކުމެ ތިބި އެންމެން ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރުގެ ބާރު ވެސް ހޯދޭތޯ ކަމަށާއި ނަމަވެސް އުއްމީދުކުރި ގޮތަށް ކަންތައްތައް ކުރިއަށްނުދާ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.ނައިބް ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ޑިމޮކްރަސީ ނިޒާމެއް ގެނެސްފައި މިވަނީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން، ވަރަށް ބޮޑު އުއްމީދުތަކާ އެކުގައިކަން ފާހަކަކުރައްވާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ބައްޕަގެ ލަގަބު ރައީސް ނަޝީދަށް ހައްގު ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އަދިވެސް އޮތީ ވަރަށް ޅަފަތުގައި ކަމުން ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން ޑިމޮކްރަސީގެ ތިން ބާރުގެ ގޮތުގައި ހިމެނޭ ޖުޑިޝަރީގެ ނިޒާމާއި ރައްޔިތުންގެ މަޖިލީހާއި ވެރިކަންކުރާ ބާރުން ވެސް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.ނައިބް ރައީސް އަދި ވިދާޅުވީ ނައިބް ރައީސެއް ހުރެގެން ވެރިކަންކުރާ މީ ފުރަތަމަ ފަހަރު ކަމަށާއި ނަމަވެސް މިހާރުވެސް ކަންތައްތައް ކުރިއަށްދަނީ ކުރިއެކޭވެސް އެއްގޮތަށް ކަމަށާއި ނައިބް ރައީސްއެއްގެ މަސައްކަތްތަކާއި ނައިބް ރައީސްއެއްގެ ރޯލް ފުރިހަމައަށް ހާމަވެގެންނުދާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.މި ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރިއަށް ނުގޮސްގެން އުޅެނީ އޭރު އޮތް ގޮތަށް އިއްތިހާދުގެ ސަރުކާރެއްގެ ގޮތުގައި ސަރުކާރުގެ ކަންތައްތައް ކުރިއަށް ނުދިގެންދިއުމުންކަން ނައިބް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިއްތިހާދު ރޫޅެންދިމާވި އެތައް ސަބަބުތަކެއް ހިމެނޭ ކަމަށާއި އޭގެތެރޭގައި ތަޒުރިބާ ނެތުމާއި ޕާޓީތަކާ މަޝްވަރާކުރުމެއް ނެތި ސަރުކާރެއް ހިންގަން އަވަސްވެގަތުން ހިމެނޭ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ނައިބް ރައީސް އެމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އިއްތިހާދުގެ ސަރުކާރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ އިއްތިހާދެއްގައި  އޮންނަ އެންމެ ބޮޑު ޕާޓީއަށްދޭ އެއްބާރުލުމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ