އެމްޑީޕީގެ ބޮޑު ހުރަސްތަކާ އެކު ވެސް ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވައިފި

އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ހަޅޭއްކާއި ހަމަނުޖެހުންތަކާ ހަތަރު ބުރެއްގެ މަތިން ކުރިމަތިލައްވައި، ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވަވައިފި އެވެ. މާޗު 1 ވަނަ ދުވަހު ފުރަތަމަ ބާއްވަން އުޅުނު ޖަލްސާ އެމްޑީޕީ މެމްބަރުންގެ ހުރަސްތަކާ އެކު ކުރިއަށް ނުގެންދެވިގެން އަލުން މިއަދު ބޭއްވުމުން ވެސް ފެނުނީ އަޑުގަދަކުރުމާއި ޒުވާބުކުރުމާއި ޖެއްސުންކުރުމެވެ. އަދި "ކޫ ބޮސް" އާއި "ބާޣީ ވަހީދު" ޖަހާފައި ހުރި ލިއުންތަކާ އެކު އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރެއްވީ ރައީސް ވަހީދަށް ބަޔާން އިއްވިޔަނުދިނުމަށެވެ. ކުރީ ދުވަހާ ޚިލާފަށް މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތެވެ. އަދި ދާދި ފަހުން އަވަހާރަވި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ހަނދާނުގައި ސުކޫތެއް ވެސް، މުޅި މަޖިލިހުން ގެނަ އެވެ. އޭގެ ފަހުން އެޖެންޑާގައި ދެން އޮތް ބައިގެ ވާހަކަ ވިދާޅުވާން ފެށުމާ އެކު އެމްޑީޕީގެ މެމްބަރުން ވަނީ ރިޔާސީ މޭޒު ދޮށަށް ވަޑައިގެންނާއި އަމިއްލަ ގޮނޑިކޮޅުގައި ތިއްބަވައިގެން ވެސް އަޑުގަދަކުރައްވާފަ އެވެ. އެގޮތުން ގާނޫނު އަސާސީ އާއި މޭޒުމަތީގައި ހުރި ކަރުދާހާއި އަދި ފުޅި ފަދަ އެއްޗެހިން މޭޒުތަކުގައި ތަޅުއްވަމުން މަޖިލިހުގެ ރައީސްގެ ވާހަކަފުޅަށް ހުރަސްއެޅި އެވެ. ޝާހިދަށް ދެން ޖެހިވަޑައިގަތީ އެކި ބޭފުޅުން އިށީންނަވަން އެންގެވުމާއި އަމުރަށް ކިޔަމަންތެރިނުވާ ބޭފުޅުންގެ ނަން އިއްވާ މަޖިލިހުން ނެރުއްވުމަށް ދޭތެރެދޭތެރެ އިން މަޖިލިސް ހުއްޓާލައްވާށެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ޗެމްބަރަށް ރައީސް ވަހީދު ވަދެވަޑައިގަތީ މެންދުރު 30: 12ގަ އެވެ. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވުމުގެ ފުރުސަތު ރިޔާސަތުން ޝާހިދު ދެއްވުމުގެ ކުރިން އެމްޑީޕީގެ މެމްބަރުންތަކެއް އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ދެން އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަން އިއްވެވުމުން ސިފައިން އެ ބޭފުޅުން ނެރުނެވެ. މި ގޮތަށް ދެ ފަހަރެއްގެ މަތިން ރައީސް ވަހީދު ވަންނަވާފައި ބަޔާން އިއްވެވޭނެ ފުރުސަތު ލިބިވަޑައިނުގެން ނުކުމެވަޑައިގަތެވެ. މީގެ ކުރިން ރާއްޖޭގައި ދުވަހަކު ވެސް ރައީސަކަށް ކުރިމަތިވެވަޑައިނުގަންވާ ފަދަ ހާލަތެއްގައި އިންނަވާ އެކަމަކު ވަރަށް ޖޯޝާ އެކު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވީ ތިން ވަނަ ފަހަރަށް ގޮނޑިކޮޅުގައި އިށީދެވަޑައިގެންފަ އެވެ. ރައީސްގެ ވާހަކަފުޅު ފެއްޓެވުމާ އެކު އެމްޑީޕީ މެމްބަރުންތަކެއް އިދާރީ މޭޒު ކައިރިއަށް އެއްވެ އަޑުގަދަ ކުރެއްވި އެވެ. އޭރު ރައީސްގެ ސަލާމަތީ ސިފައިން ވަނީ މޭޒުކޮޅު ވަށައިގެންނާއި ދޮރުތައް ކައިރީގައި އެތުރިފަ އެވެ. މަޖިލިހުގެ ރައީސް މިފަހަރު ވެސް ބައެއް މެމްބަރުންގެ ނަން އިއްވެވި އެވެ. އަދި އެބޭފުޅުން ނެރެންދެން މަޖިލިސް މެދުކަނޑާލެއްވި އެވެ. ހަތަރު ވަނަ ފަހަރަށް ރައީސް ވަހީދު ޗެމްބަރަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލެއްވި އެވެ. އެ ވަގުތު ވެސް އޭރު ޗެމްބަރުގައި ތިއްބެވި އެމްޑީޕީ މެމްބަރުން އިދާރީ މޭޒުގެ އިތުރުން ރައީސް ވަހީދު އިށީނދެވަޑައިގެން އިންނެވި މަޖިލީހުގެ ރިޔާސަތުގެ މޭޒާ ހަމައަށް ވެސް "ބާޣީ ވަހީދު" ގޮވަމުން ވަޑައިގެންނެވި އެވެ. މިފަހަރު ރައީސް ވާހަކަފުޅު ދެއްކެވި އިރު، ދޭތެރެ ދޭތެރެއިން މައިކްގެ އަޑު ކެނޑޭތީ އެމަނިކުފާނުގެ އަޑުފުޅު ސާފުކޮށް އިވޭ ގޮތެއް ވެސް ނުވި އެވެ. ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި އިށީނދެވަޑައިގެން އިންނަވަނިކޮށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު (ބޮންޑޭ) ރައީސާ ދިމާލަށް ދުއްވައިގަތް ތަނުން ރައީސްގެ ސެކިއުރިޓީން ހުރަސް އެޅި އެވެ. ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވެސް ބޮންޑޭ އަށް ހުރަސްއެޅުއްވި އެވެ. މަޖިލީހުގެ ތެރޭގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި އިބްރާހިމް ރަޝީދު ވަނީ ރައީސް ވަހީދުގެ ގޮނޑިކޮޅާއި ރިޔާސަތުގެ މޭޒަށް ކުޅު ޖައްސަވައިފަ އެވެ. އަދި ރައީސް ވަހީދަށް ހާއްސަކޮށްފައި ހުރި މައިކް ވެސް އޭނާ ހަލާކުކޮށްލެއްވި މަންޒަރު ފެނުނެވެ. މަޖިލީހުގެ ތަޅުމުގައި އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ ފޭދޫ ދާއިރާގެ މެމްބަރުން އަލްހާން ފަހުމީ އާއި ދާންދޫ ދާއިރާގެ މެމްބަރު މުހަންމަދު ރިޔާޒު ނެރެން ސިފައިން އުޅުނު ވަގުތު އެވެ. ސިފައިން މަޖިލީހުގެ ޗެމްބަރަށް ވަނުމުން އެމްޑީޕީގެ މެމްބަރުން ވަނީ ހުރަސް އަޅައިފަ އެވެ. ހާއްސަކޮށް ރިޔާޒު ނެރެން ވަތް ސިފައިންނަށް އެމްޑީޕީ މެމްބަރުން ތަކުރާރުކޮށް ހުރަސް އެޅި އެވެ. އަދި އޭނާ ނެރެން އުޅުމުގެ ތެރޭގައި މަޖިލީހުގެ ބައެއް ގޮނޑިތައް ހަލާކުވެ ބައެއް މޭޒުތައް ވެއްޓުނެވެ. މި ހަމަނުޖެހުންތަކުގައި ބާރަށު ދާއިރާގެ މުހަންމަދު ޝިފާޒާއި ރިޔާޒަށް އަނިޔާވި އެވެ. އަދި ދެ ބޭފުޅުން ވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް އެމްޑީޕީގެ އެހެން މެމްބަރަކު ފަހުން ވިދާޅުވި އެވެ. މިއަދުގެ ޖަލްސާ 00: 10 ގައި ފަށަން އޮތް ނަމަވެސް އަމީން އާންމުގެ ގޮނޑިކޮޅުގައި އިބްރާހިމް ރަޝީދު އިށީނދެވަޑައިގެން އިންނެވުމުން އެމްޑީޕީގެ މެމްބަރުންނާއި އަމީންއާންމު އަހުމަދު މުހައްމަދު އެތައް އާދޭހެއް ކުރައްވައިގެން ގޮނޑިން ނެގޭވަރުވީ ބައި ގަޑިއެއްހާ އިރު ފަހުންނެވެ. މިއަދުގެ ޖަލްސާ އިން ނެރުނީ އަލްހާނާއި ރިޔާޒުގެ އިތުރުން މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހަންމަދާއި މަނަދޫ ދާއިރާގެ މުހަންމަދު ތޯރިގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރާއި ތިނަދޫ ދާއިރާގެ މުހަންމަދު ގަސަމާއި މިލަންދޫ ދާއިރާގެ އަލީ ރިޒާ އާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހަންމަދު ރަޝީދު އަދި މަޑަވެލި ދާއިރާގެ މުހަންމަދު ނާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ