ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓްގައި ބަލަމުން އަންނަ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ވަހީދު ހައިކޯޓަށް ވެއްދި މައްސަލައިގައި އަޑު އެހުންތައް ނިންމާލައިފި އެވެ.
ދަށު ކޯޓްގައި އަލީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ގެ ރޭ ކުރި ކުރި މުޒާހަރާއެއްގައި މުލިއާގޭ ކުރިމަތީގައި ފުލުހުން މަގު ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށް ބުނެ އެވެ. އޭނާއާއެކު މަޖިލިސް މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އޭރު އެ ދެ ބޭފުޅުން ތިއްބެވީ ޑީއާރްޕީގަ އެވެ.
މި މައްސަލަ ދަށު ކޯޓްގައި ހިނގަމުން ދަނިކޮށް އަލީ ހައިކޯޓަށް މައްސަލަ ވެއްދީ އެއީ ދަށު ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ. އަލީ ހައިކޯޓަށް ދިޔައީ ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައި ދެ މަސްފަހުން ދައުވާ އަނބުރާ ގެންދިއުމަށްފަހު އަލުން ދައުވާ ކުރުމުން އެއީ ޕީޖީ އޮފީހުގެ ގަވައިދާއި ހިލާފަށް ކޮށްފައިވާ ދައުވާ އެއް ކަމަށް ވިދާޅުވެ އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށައެޅުމަށްފަހު ޕީޖީގެ ފަރާތުން މައްސަލަ އަބުރާ ގެންގޮސްފައިވަނީ ދައުވާ ނުކޮށް ދޫކޮށްލަން ނޫންކަމަށާއި، ޕީޖީ ނިންމަވަންޖެހޭ ބައެއް ކަންކަން ހުރުމާއިއެކު މައްސަލަ ފަސް ކޮށްލަން ކަމަށެވެ. އަދި ދަށުކޯޓުގެ ނިންމުމުގައި ވެސް މިކަން ފާހަގަ ކޮށްފައިވާނެ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
"ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު ދައުވާ އަނބުރާ ގެންގޮސްފައިވަނީ އެއްވެސް ގޮތަކަށް މި މައްސަލަ ކުރިއަށް ނުގެންދާކަށެއް ނޫން، ޕީޖީން ނިންމަންޖެހޭ ބައެއް ކަންކަން ހުރުމާއެކު މައްސަލަ ފަސްކުރުމަށް މައްސަލަ ގެންދިޔައީ، މިކަމާ އިތުރައް ދައުލަތުން ބުނާނެ އެއްޗެއްނެތް!" ވަކީލު ވިދާޅުވި އެވެ.
އަލީގެ ގާނޫނީ ވަކީލު އަދި ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މިއަދު ކޯޓްގައި ވިދާޅުވީ ދަށު ކޯޓަކަށް މައްސަލަ ހުށައެޅުމަށްފަހު އެ މައްސަލަ އަނބުރާ ގެންދިއުމަކީ ޕީޖީ އޮފީހަށް ލިބިފައިވާ އިހުތިޔާރާއި ބާރު ރަނގަޅުގޮތުގައި ބޭނުން ކުރުން ނޫން ކަމަށާއި، ޕީޖީގެ އެ ނިންމުމާމެދު ސުވާލު އުފެދޭ ކަމަށެވެ.
މުލިއާގޭ ކައިރީގެ ހަމަނުޖެހުމުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި އުމަރު ނަސީރާއި، މަޖިލިސް މެންބަރު އިލްހާމް އަހުމަދު ހިމެނޭ ކަމަށާއި އެ ފަރާތްތަކުގެ މައްޗަށް ދައުވާނުކޮށް އަލީއާ ދެކޮޅަށް ދައުވާ ކުރުމަކީ ޕީޖީ އޮފީހުން ނަގަންޖެހޭ ޒިންމާ އަދާކުރުމުގައި ވަކިބަޔަކަށް ތަފާތުކުރުން ކަމަށް ބެލެވޭ ކަމަށެވެ.
ޝަރީއަތުގެ މަޖުލިސް ނިންމާލައްވަމުން ހައިކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖުލީހެއްގައި މި މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
އަލީ ވަހީދު މައްސަލައިގައި ހައިކޯޓްގެ އަޑު އެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ