ފޯކައިދޫގައި ކަރަންޓް ބިލު ނުދައްކާ ހުރި ގެތަކުގެ ބިލުތަކަށް އަރާފައިވާ ފައިސާ، ހެޔޮ އެދޭ ފަރާތަކުން ދައްކައިދިނުމުން ފޯކައިދޫއަށް އަލުން ކަރަންޓް ދީފި އެވެ.
ފޯކައިދޫ އިންޖީނުގެ ހުޅުވައި އަލުން ރަށަށް ކަރަންޓް ދިނީ އިއްޔެ އިރުއޮއްސުނު އިރު އެވެ. އެ ރަށަށް ކަރަންޓް ދިނީ ފަސް ދުވަސް ވަންދެން ކަރަންޓް ކަނޑާފައި އޮތުމަށްފަހު އެވެ.
ރަށު ކައުންސިލްގެ ރައީސް މުހަންމަދު ރާޝިދު މިއަދު ވިދާޅުވީ އަލުން ރަށަށް ކަރަންޓް ދިނުމަށް ނިންމީ ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކާ 85 ގޭގެ ބިލަށް އަރާފައިވާ 57،016ރ. ފޯކައިދޫގެ ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ރަށު ކައުންސިލަށް ދެއްކުމުން ކަމަށެވެ. ފޯކައިދޫ ކަރަންޓް ބިލުތަކަށް ފައިސާ ދެއްކީ ކޮން ފަރާތަކުން ކަމެއް ކައުންސިލަކުން ނުބުނެ އެވެ.
"އިއްޔެ ހަވީރު 5:30 އެހާކަންހާއިރު އަމިއްލަ ފަރާތަކުން ވަނީ ބިލް ނުދައްކާހުރި 85 ގޭގެ ބިލަށްވާ 57،016ރ. ރަށު ކައުންސިލާ ހަވާލުކޮށްފަ. އަދި އަޅުގަނޑުމެން ވާނީ އިއްޔެ 6:00 ޖެހިއިރު ރަށަށް ކަރަންޓް ދީފައި،" ރާޝިދު ވިދާޅުވި އެވެ. ބިލު ނުދައްކާ 90 ގެ ކުރިން އޮތެވެ. ފޯކައިދޫގައި ކަރަންޓްގެ މައްސަލަ ބޮޑުވުމުން އޭގެ ތެރެއިން ފަސް ގެއަކުން ވަނީ ބިލަށް ފައިސާ ދައްކާފަ އެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ކަރަންޓާ ގުޅިގެން ރަށުގެ މަސްލަހަތު ގޯސްވީ ރަށުގެ ބަޔަކު ކަރަންޓް ބިލް ބޮޑުކަމަށް ބުނެ ރަށު އިންޖީނުގެ ޔުޓިލިޓީސް އާއި ހަވާލު ކުރަން އުޅުމާއި ކަރަންޓް ބިލު ނުދެއްކުމުން އެފަދަ ގޭގެއިން ހިދުމަތް ކަނޑައިލުމާ ގުޅިގެނެވެ.
"ކަރަންޓް ބިލް ނުދައްކައި ތިބި މީހުން މި ފަސް ދުވަހު އެ ކުރީ ކަރަންޓް އަގު ހެޔޮ ކުރުމަށް އިހްތިޖާޖެއް އެމީހުން ބޭނުން ވަނީ ޔުޓިލިޓީސް އާއި އިންޖީނުގެ ހަވާލު ކުރަން ނުވަތަ އަގު ހެޔޮ ރަނގަޅު ގޮތެއް އެމީހުންނަށް ހޯދައިދޭން، ނަމަވެސް ރަށުގެ ގިނަ ރައްޔިތުން މިކަމާ ދެކޮޅު ހަދާ ސަބަބަކީ ރަށު އިންޖީނުގެ އަކީ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހަދާފައިވާ ތަނަކަށް ވެފައި މާލީ ބަދަލެއް ނުދީ ޔުޓިލިޓީސް އާއި ހަވާލުކުރަން ޖެހޭތީ،" ކައުންސިލަރު ވިދާޅުވި އެވެ.
އާބާދީގައި 1600 އެއްހާ މީހުން އުޅޭ ފޯކައިދޫއަށް އަލުން ކަރަންޓް ދޫކުރުމުން ރައްޔިތުންގެ ދިރިއުޅުން މިހާރު އާދައިގެ ހާލަތަކަށް ވަނީ ބަދަލުވެފަ އެވެ.
އަމިއްލަ ފަރާތަކުން ފޯކައިދޫގެ ކަރަންޓް ބިލުތަކަށް ފައިސާ ދައްކައި ދިނުމުން ރަށަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ