ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވޭނެ - ނާޒިމް

އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާގައި ހައްލުނުވެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވޭނެ ކަމަށް ސިއްހީ ދާއިރާއާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ހާސިލްކޮށްފައިވާ ކަންތައްތައް ހާމަކުރުމަށް މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން ކަނޑައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.8 ބިލިއަން ރުފިޔާ ހުށަހަޅާފައި ވާކަމަށެވެ. އަދި މި ބަޖެޓުގެ ލިބިއްޖެ ނަމަ ސިއްހީ ޚިދުމަތުގައި މިހާރު ކުރިމަތިވެފައި ހުރި ހުރިހާ ދަތި ތަކެއް ހައްލު ކުރެވޭނެ ކަމަށެވެ.
ްއަޅުގަނޑުމެން އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފަ ވާނީ 4.8 ބިލިއަން ރުފިޔާ.އެ ބަޖެޓު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިއްޖެއްޔާ ސިއްހީ ޚިދުމަތުގަ އަޅުގަނޑުމެންނަށ ްދިމާވެފައި ހުރި ހުރިހާ ދަތި ތަކެއް އަޅުގަނޑުމެންނަށް ގިރާ ކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ މީގެ ކުރިން ދުވަހަކު ނުދެކޭ ފަދަ އައު އުސްމިން ތަކަކަށް ގެންދިއުން ކަމަށާއި މި ސަރުކާރުން އެ މަޤްސަދު ހާސިލް ކުރާނެ ކަމަށެވެ.
އެގޮތުން ފާއިތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސްޔާމީނުގެ ދުރު ވިސްނުންފުޅާއި އެކު ސިއްހީ ދާއިރާއިން ގިނަ ކަންތައްތަކެއް ހާސިލްކޮށްފައި ވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންވަނީ ސިއްޙީ ޚިދުމަތް ދުވަހަކުވެސް އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭ ފަދަ އައު އުސްމިންތަކަކަށް ގެންދިއުން. ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރައީސްގެ ދުރުވިސްނުންފުޅާއި އެކު އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ކަންތައް ތަކެއް ހާސިލް ކޮށްފަ." މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ކަމުން އަންނަ އަހަރަށް ކަނޑައެޅި ބޮޑު ބަޖެޓާއި އެކު ސިއްހީ ދާއިރާ އައު އުސްމިންތަކަކަށް ގެންދެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ