ބިލް ނުދެއްކުނަސް ކަރަންޓު ކަނޑައެއް ނުލާނަން - ސްޓެލްކޯ

މާލީ ސަބަބުތަކާހުރެ ކަރަންޓުބިލް ނުދެއްކުނަސް މިދުވަސްވަރު ކަރަންޓު ކަނޑާނުލާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނިން މިހެން ވިދާޅުވީ، ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ ޙަވާލާދީ އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ.
 
އެބަޔާނުގައި ސްޓެލްކޯއިން ބުނެފައިވަނީ، 'ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މި ޙާލަތުގައި ސްޓެލްކޯއިން ނިންމާފައިވަނީ ލޮކްޑައުން ކޮށްފައިވާ އެކުންފުނިންދޭ ރަށްރަށުގައި އެމުއްދަތުގެ ތެރޭގައި މާލީ ސަބަބުތަކާހުރެ ބިލު ނުދެއްކިއްޖެ ޙާލަތުގައިވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާ ނުލުމަށެވެެ. އެކުންފުނިން އެގޮތަށް ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރީ ބޭނުމަކަށްވެފައި، މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތި އުނދަގޫތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
 
ކަރަންޓު ބިލަށް އަރާފައިވާ ޢަދަދު ކަސްޓަމަރުންނަށް އެސް.އެމް.އެސް މެދުވެރިކޮށް ސްޓެލްކޯއިން އަންނަނީ ފޮނުވަމުންނެވެ. އެގޮތަށް ފޮނުވާ މެސެޖުގައި އޮންލައިންކޮށް ފައިސާ ދައްކާނެ ގޮތުގެ މަޢުލޫމާތުވެސް ހިމަނާފައި ހުރެއެވެ. އެއީ މިދުވަސްވަރު ބިލްދައްކަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައަކަށް ޓަކައިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއީ ފުރަބަންދުގެ ދުވަސްވަރު ކަމަށްވާތީއާއި، އެންމެންވެސް ގޭގައި މަޑުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާތީ، ގޭގައި ތިބެގެން ބިލްދެއްކޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސްޓެލްކޯގެ މޮބައިލް އެޕް އާއި ވެބްސައިޓް ބޭނުންކޮށްގެން އެޮންލައިންކޮށް ބިލް ދެއްކޭނެގޮތް ސްޓެލްކޯއިން ވަނީ ފަހިކޮށްދީފައެވެ.
 
މިއީ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ވަރަށްގިނަ މީހުން ފާހަގަކުރެއެވެ. އަދި މިހާތަނަށް ނުދެއްކިވާ ބިލްތަކުގެ ޖުމްލަ ބެލުމަށް ވަރަށްގިނަ ކަސްޓަމަރުން އެދޭ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. އެހެންކަމުން އެސް.އެމް.އެސްގެ ޒަރީޢާއިން އެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މިވަގުތަށް ރައްޔިތުންނަށްވެސް ނުހަނު ފަސޭހަވާނެ ކަމެކެވެ.
 
ސްޓެލްކޯގެ އިތުރުންވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަކުންވެސް މިހާރުވަނީ އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ