އެސްޓީއޯއިން ގެންނަނީ އަސާސީ ބޭހުގެ ގާތްގަނޑަކަށް 30 އިންސައްތަ: ޝިމާދު

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ތެރެއިން އެސްޓީއޯއަށް ގެނެވެނީ ގާތްގަނޑަކަށް 30 އިންސައްތަ ބޭސް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. އަސާސީ ބޭސް ނުލިބޭތީ އެކަމާ ގުޅިގެން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ވަނީ އެސްޓީއޯއާއި އާސަންދައިގެ އިސްވެރިން ހާޒިރުކޮށްފައެވެ. އެކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ޝިމާދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް އެސްޓީއޯއަށް އެތެރެކުރުމުގެ ހުއްދަ ނޯންނަ ކަމަށެވެ. މަސައްކަތް ފަށައިގެން އަޅުގަނޑުމެން ބަލައިލިއިރުގައި، އެސްޓީއޯއިން މިގެންނަނީ [ބޭނުންވާ އަސާސީ] ބޭހުގެ ގާތްގަނޑަށް 30 އިންސައްތަ. ރާއްޖެއަށް ބޭސް އެތެރެކުރުުމުގައި އޮންނަ އުސޫލަކީ، ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓްރީކޮށްފިއްޔާ އެ ފަރާތަކަށް އެކަނި އެ ބޭސް އެތެރެކުރެވެނީއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް މިއަދުގެ އިޖުތިމާއީ ކޮމިޓީގައި އެސްޓީއޯއާއި އާސަންދައިގެ އިސްވެރިން ---- ފޮޓޯ/ މަޖިލިސް އެގޮތުން، ބޭސް އެތެރެކުރުމުގައި މައިގަނޑު ދެ މައްސަލައެއް ދިމާވާކަން ޝިމާދު ފާހަގަކުރެއްވިއެވެ. އެއީީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުސޫލުތައް އޮންނަ ގޮތުން، ބޭހެއް ރާއްޖެއަށް އެތެރެކުރެވެނީ ހަމައެކަނި ރެޖިސްޓާ ކުރި ކުންފުންޏަކަށް އެކަނި ކަމަށްވުމާއި ސަޕްލަޔަރުން ބޭސް އެތެރެކުރާއިރު ވެސް ހުއްދަ ދެނީ އެންމެ ކުންފުންޏަކަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ، ލުސެންޓިސް ކިޔާ ބޭހެއް 18،900 ރުފިޔާއަށް ގަންނަން ޖެހޭ ކަމަށް ބުނެެ، މީހަކު ފޮނުވާފައި އޮތް ޝަކުވާއަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. "ލުސެންޓިސްގެ އިތުރުން ބައިވަރު އެހެން ބޭސްތައް އެބަހުރި ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓާކޮށްފައި، އެޕްރޫވް ޑްރަގު ލިސްޓަށް އަރާފައި. އެ ފަރާތްތަކަށް ތަފާތު ސަބަބުތަކާ ހުރެ އެތެރެ ނުކުރެވުނީމަ ޑޮކްޓަރު އަދި ލިޔެދެއްވިއްޔަސް ފާމަސީތަކުން ނުލިބޭ މައްސަލަ [ދިމާވަނީ]" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެ ކޮމިޓީގައި މެންބަރުން ވަނީ ތަކުރާރުކޮށް ބޭހުގެ މައްސަލަ ހައްލުވާނެ ތާރީޚެއް ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، މައްސަލަ ހައްލުވާނެ ތާރީޚެއް ކުންފުނިތަކުގެ އިސްވެރިން ދެއްވާފައެއް ނުވެއެވެ. ގެނެވެނީ ބޭނުންވާ ބޭހުގެ 30 އިންސައްތަ ކަމަށް އެސްޓީއޯއިން ބުނިއިރު، ޑޮކްޓަރަށް ދެއްކުމަށް ފަހު، އަސާސީ ބޭސް ނުލިބޭކަމުގެ ޝަކުވާތައް އާންމުން ކުރެއެވެ. މިދިޔަ މެއި އަށެއްގައި ވަނީ، ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު ސޮއިކޮށްފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން މި ފަހުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރު އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް، މިކަމަށް ކުރާ ޚަރަދުތަކުގެ ހިސާބުތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް އަދި ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ