ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައިވެރިވެވަޑައިގަންނަވައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ އައި.ޓީ.އީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ގޯ މޮންގް ސޮންގްއެވެ.
އައި.ޓީ.އީގެ ސަބްސިޑަރީއެއް ކަމަށްވާ، އައި.ޓީ.އީ އެޑިއުކޭޝަން ސާވިސަސް (އައި.ޓީ.އީ.އެސް) މެދުވެރިކޮށް، އެ މުއައްސަސާއިން ދަނީ، ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކަށް، ހުނަރު ތަރައްޤީ ކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދެމުންނެވެ.
މިއަދުގެ މި ޒިޔާރަތުގައި، އައި.ޓީ.އީގެ މެނޭޖްމަންޓުން ވަނީ، އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް މަރްޙަބާ ކިޔާކަން ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މީގެ ކުރިން ވަނީ، މަތީ ތަޢުލީމާއި ތަޢުލީމީ ސިޔާސަތާއި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ރިސާޗްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އައި.ޓީ.އީ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.
އައި.ޓީ.އީގެ މެނޭޖްމަންޓުން ފާހަގަކުރައްވާ ގޮތުގައި، ފަންނީ ހުނަރުވެރިކަމާއިއެކު ސޮފްޓް ސްކިލްސް ނުވަތަ އެކަކު އަނެކަކާއެކު ހަރުދަނާ އުސްލޫބުތަކުގައި ހިފަހައްޓައިގެން އުޅުމުގެ ހުނަރުވެރިކަމަށް އެ މުއައްސަސާއިން ޚާއްޞަ ސަމާލުކަމެއްދެއެވެ. އަދި، އައި.ޓީ.އީގައި ބޭނުންކުރާ މުޤައްރަރުތަކަކީ ދާއިރާގެ ތަޖުރިބާކާރުންގެ ރަޢުޔުގެ މައްޗަށް ބިނާކުރެވޭ މުޤައްރަރުތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ވަކި ވަކި ޤައުމުތަކުގެ ޙާލަތާ ގުޅޭ ގޮތަށް ހަރުދަނާ ގޮތެއްގައި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު، ދެޤައުމުގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އައި.ޓީ.އީއިން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ އަޒުމަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންވެސް ވަނީ ސްކޫލް އޮފް ޑިޒައިން އެންޑް މީޑިއާގެ ޔޫޒަރ އެކްސްޕީރިއަންސް ހަބާއި، ސްކޫލް އޮފް ބިޒްނަސް ސާވިސަސްގެ އިންވައިޓް އަދި ސްކޫލް އޮފް އިންޖިނޭރިންގްގެ އޭރޯސްޕޭސް ހަބަށް ވަޑައިގެން، އެތަންތަން ބައްލަވާލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ އައި.ޓީ.އީ ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް ޒިޔާރަތްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ