ބެލެނިވެރިން ނުުކުމެ ހުޅުދެލީ ސްކޫލް ބަންދުކޮށްފި

ދަރިވަރުންނަށް ނުރައްކާވާ މިންވަރަށް ސްކޫލް ބާވެފައިވާ ކަމަށް ބުނެ، ދ. ހުޅުދެލީ ބެލެނިވެރިން މުޒާހަރާކޮށް، އެ ރަށު ސްކޫލް ބަންދުކޮށްފި އެވެ. ހުޅުދެލީ ކައުންސިލްގެ ރައީސް އާދަމް ޒާހިރު މިއަދު ވިދާޅުވީ، ސްކޫލުގެ މެނޭޖްމަންޓާއި ޓީޗަރުންނާ ދޭތެރޭ ހިތްހަމަނުޖެހި، ސްކޫލަކީ ދަރިވަރުން ކިޔަވަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން އެ ރަށު ސްކޫލުގެ ބެލެނިވެރިން ކުރަމުންދާ މުޒާހަރާގައި ދަރިވަރުން ސްކޫލަށް ވެސް ފޮނުވާފައިނުވާ ކަމަށެވެ. ޒާހިރު ވިދާޅުވީ، ސްކޫލުގެ ސީލިންގާއި ސްކޫލުގެ ވަށާފާރު ބާވެފައިވާ ހުރި އިރު، ދަރިވަރުންނަށް ސްކޫލުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށާއި ކަރަންޓުގެ ހާލަތު ވެސް ވަރަށް ދަށް ކަމަށެވެ. އަދި މިކަންކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާ ވެސް އެތައް ފަހަރަކު ބައްދަލުކުރި ނަމަވެސް، އަދިވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ. "މިނިސްޓްރީން ބުނަނީ ކަންތައް ކުރަން ހުއްދަ ދީފައޭ އޮންނާނީ. އެކަމަކު އެ މަސައްކަތް ކުރެވިފައެއް ނެތް. އެކަން ކުރޭތޯ އެޑިއުކޭޝަން މިނިސްޓްރީން ނުވެސް ބަލާ،" ހުޅުދެލީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ހުޅުދެލީ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް އެ އަތޮޅު ކުޑަހުވަދޫ ސްކޫލުގެ ޕްރިންސިޕަލް ފޮނުވި އެވެ. ނަމަވެސް އޭނާއާ ބައްދަލުކުރުމަށް ދެކޮޅު ހަދައި، ބެލެނިވެރިން ވަނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެރަށު ސްކޫލަށް ގޮސް އެކަން ބެލުމަށް ޑިމާންޑް ކޮށްފަ އެވެ. ހުޅުދެލީ ކައުންސިލްގެ ރައީސް ޒާހިރު ވިދާޅުވީ، ބެލެނިވެރިންގެ ޑިމާންޑުތަކާ އެކު މާދަމާ ވެސް ދަރިވަރުން ސްކޫލަށް ފޮނުވާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ