"ދަރުބާރު ފެކްޝަނަށް" ޕީޕީއެމްއިން މެމްބަރުން ވަކިނުކުރެވޭނެ - މައުމޫން

ޕީޕީއެމްއިން މެމްބަރުން ވަކިކުރުމުގެ ބާރެއް "ދަރުބާރު ފެކްޝަނަށް" ނޯންނާނެ ކަމަށް، ޕީޕީއެމްއިން މިއަދު ވަކިކުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރީ މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި މައްސަލަ ފާސްވެފައިވަނީ 26 މެމްބަރުންގެ ވޯޓާއެކުއެވެ.
މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްއިން މެމްބަރުން ވަކިކުރުމުގެ އެއްވެސް ގާނޫނީ ބާރެއް "ދަރުބާރު ފެކްޝަނަށް" ނޯންނާނެ ކަމަށާއި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އަދި އެ ޕާޓީގެ ރައީސްގެ މަގާމުގައި ދެމި ހުންނަވާނެ ކަމަށެވެ.
މައުމޫން ކުރެއްވި ޓްވީޓްގައި އެ ވިދާޅުވާ "ދަރުބާރު ފެކްޝަން" އަކީ ޕީޕީއެމްގައި ތިއްބެވި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއަށް ތާއީދުކުރައްވާ ބޭފުޅުން ކަމަށް ބެލެވެއެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރެއްވުމުން އެ ޕާޓީގެ ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. ޕީޕީއެމްގެ ރައީސްގެ މަގާމަށް މައުމޫން އިންތިހާބުކުރީ 2013 ވަނަ އަހަރުއެވެ.
ޕީޕީއެމްއިން މައުމޫން ވަކިކޮށްފައިވާއިރު މައުމޫން ވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އިދިކޮޅު ތިން ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ބޭރު ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވީ އެއީ ބާތިލް އެއްބަސް ވުމެއް ކަމަށާއި މައުމޫނަށް ޕީޕީއެމްގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރެއްވޭނެ ކަމަށެވެ.
މައުމޫން ޕީޕީއެމްއިން ވަކިކޮށްފައިވާއިރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ވެސް ވަނީ ޕީޕީއެމްއިން ވަކިކޮށްފައެވެ. ވައްޑެ ޕީޕީއެމްއިން ވަކިކުރީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ ކަމަށްބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ