މެމްބަރު އިލްހާމާ މަގުމަތިން ދިމާކޮށް މާރާމާރީ ހިންގައިފި

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާ މަގުމަތިން ބަޔަކު ދިމާކޮށް މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ ޗާންދަނީ މަގު ދިރާގު ލައިޓް ކައިރީގައި މިއަދު ހަވީރު އިލްހާމް ސައިކަލެއްގައި އިންނަވަނިކޮށް އޭނާ އަށް ހަމަލާދީފައި ވަނީ ދެ މީހަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ޗާންދަނީ މަގުގައި ހަމަލާދީފައި ވަނީ ބަޔަކު އޭނާ އަށް ނިސްބަތްކޮށް "ބާޣީ" ގޮވުމަށް ފަހު ކަމަށެވެ. އެގޮތަށް ގޮވުމުން ސައިކަލުން ފޭބިތަނުން "ބަޔަކު އަރައިގަނެ މާރާމާރީ ހިންގީ" ކަމަށް އިލްހާމް ވިދާޅުވި އެވެ. ނަމަވެސް އެ މާރާމާރީގައި އޭނާ އަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.
މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުން ވަޑައިގަންނަވަނިކޮށް، ރައީސް މުހައްމަދު ވަހީދުގެ ކާރުކޮޅަށް ބަޔަކު ހުރަސްއަޅާފައިވާއިރު އިސްލާމިކް މިނިސްޓަރު ޝޭހް ޝަހީމާ ވެސް ބަޔަކު ވަނީ ދިމާކޮށް ހަޅޭއްލަވައި ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ