ދަރިންގެ ޚަރަދު ނަގައިދިނުމުގައި އަމަލުކުރާނެ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ދަރިންގެ ޚަރަދު ނަގައި ދިނުމުގައި އެކި ކޯޓުތަކުން އެކި ގޮތަށް ގަވާއިދު މާނަ ކުރަމުންދާތީ އެކަމުގައި އަމަލު ކުރާނެ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު އާދިއްތަ ނެރެފައިވާ އާންމު ސިޓީގައިވަނީ ދަރިންގެ ޚަރަދާއި ބެލުމުގެ ޚަރަދު ބަޔާންކުރާ އާއިލާއާ ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ ހ. އެކި ކޯޓުތަކުން އެކި ގޮތަށް މާނަ ކުރަމުންދާ ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން 18 އަހަރުން ދަށުގެ އެއް ކުއްޖަކު ހުރެއްޖެނަމަ ކޮންމެ މަހަކު އެ ކުއްޖާގެ ޚަރަދަށް 1،000ރ. އަދި ކުއްޖާގެ ބެލުމުގެ ޚަރަދަށްވާ 1،000ރ. އާ އެކު މަދުވެގެން 2،000ރ. އެއް ފަހަރާ ނަގައިދޭން ވާނެ އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބިނަމަ ކުއްޖަކަށް ނަގައިދެވޭ އަދަދު މަހަކަށް 1،000ރ. އަށް ވުރެ މަދުވެގެން ނުވާނެ ކަމަށް ވެސް އެ ގަވާއިދުން އެނގޭ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ކުދިން ބެލުމުގެ ޚަރަދު ލިބުން ހައްގުވާ މައިންގެ އަދަދު އެކަކަށް ވުރެ އިތުރުވި ނަމަވެސް އެއިން ކޮންމެ މަންމައަކަށް ވެސް އަދި ކުދިން ބެލެހެއްޓުމާ ޝަރުއީ ގޮތުން ހަވާލުވާ ކޮންމެ މީހަކަށް ވެސް މަދުވެގެން 1،000ރ. ލިބެންޖެހޭނެކަން އެ ގަވާއިދުން އެނގޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެހެންވެ ޚަރަދު ނަގައިދިނުމުގައި ކޯޓުތަކުން އެ އުސޫލަށް އަމަލު ކުރަމުން ގެންދިއުމަށް ވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވާ ހުރިހާ ކޯޓުތަކަށް ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ