އަފްރާޝީމްގެ އާއިލާ އަށް ދޭ އިނާޔަތާ ދޭތެރޭ ވިސްނާލަން ޖެހޭ: މެމްބަރު ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރަހުމް ކުޑަ ގޮތަކަށް ހަމަލަދީ އަވަހާރަކޮށްލުމާ ގުޅިގެން އޭނާގެ އާއިލާ އަށް، މާލީ އިނާޔަތުގެ ގޮތުގައި މެމްބަރެއްގެ ފުރިހަމަ މުސާރަ އާއި ލިވިން އެލަވަންސަށްވާ 62،500ރ. ދިނުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ގިނަ މެމްބަރުން އެކަމަށް ތާއީދު ކުރައްވައި ވޯޓު ދެއްވި ނަމަވެސް އެކަމުގައި ވިސްނާލަންޖެހޭ އެތައް ކަމެއް ފާހަގަވާ ކަމަށް މަދު މެމްބަރުންތަކެއް ދެކެވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
"އަފްރާޝީމަށް އެ އިނާޔަތް ދޭން ފާސްކުރުމުން ކޮންމެ މަހަކު އޭނާގެ އާއިލާ އަށް އެ ދެވެނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރިޓަޔާ ކުރެއްވުމުން ލިބިވަޑައިގަންނަވާ ވަރުގެ އަދަދެއް. މިއީ މުސްތަގުބަލުގައި ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކޭ އަޅުގަނޑު މި ބުނަނީ. މާދަމާ ހަމަ މަޖިލީހުގެ އެހެން މެމްބަރަކު އަވަހާރަވާއިރަށް އަފްރާޝީމްގެ އާއިލާ އަށް އިނާޔަތް ދޭން ފާސްކުރި ގޮތް މިސާލަކަށް ނަގައިގެން ހަމަ ފާސްކުރާނެ،" ޣަފޫރު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ އާއިލާ އަށް އިނާޔަތް ދިނުމަށް ފާސްކުރުމަށް އިއްޔެ ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ތިން މެމްބަރުންގެ ތެރޭގައި ޣަފޫރު ހިމެނިވަޑައިގަންނަވަ އެވެ. ދެން އެ ވޯޓުގައި ބައިވެރިވެވަޑައިނުގަތީ ކެނދިކުޅުދޫ ދާއިރާގެ އަހުމަދު އީސާ އާއި މަނަދޫ ދާއިރާގެ މުހަންމަދު ތޯރިގެވެ.
ޣަފޫރު ވަނީ ޑރ. އަފްރާޝީމްގެ އާއިލާ އަށް މެމްބަރެއްގެ ފުރިހަމަ މުސާރަ އާއި ލިވިން އެލަވަންސަށްވާ 62،500ރ. ގެ ބަދަލުގައި އެ އަދަދު ކުޑަކުރުމަށް ބުދަ ދުވަހުގެ ޖަލްސާ އަށް ޣަފޫރު ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެ އިސްލާހު ފާހެއް ނުވި އެވެ.
ޣަފޫރު ހުށަހަޅުއްވާފައި ވަނީ މެމްބަރުންގެ މަގާމުގެ މުސާރައިގެ 50 ޕަސެންޓަށްވާ 21،250ރ. އާއި ލިވިން އެލަވަންސްެގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާގެ 50 ޕަސެންޓަށްވާ 10،000ރ. އާއެކު، ޖުމުލަ 31،250ރ. ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ޑރ. އަފްރާޝީމްގެ އަނބިކަނބަލުންނާއި ތިން ބޭފުޅުންނަށް ކޮންމެ މަހަކު ދެއްވަމުން ގެންދެވުމަށެވެ.
ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް ފާސްނުވަނީސް މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ނޫން ގޮތަކަށް އެއްވެސް މެމްބަރެއްގެ އާއިލާ އަށް އިނާޔަތެއް ނުދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި އެ ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުންނޭ ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކުރަންވާނީ. އެހެން އެކަން އޮއްވައި މި ގޮތަށް ވަކި އާއިލާ އަކަށް އިނާޔަތެއް ދިނުމަށް ލޮޖިކެއް ނޫން. ގާނޫނު އަސާސީ އަށް ބަލާއިރު ވެސް އުނދަގޫ މަޖިލީހުގެ ނިންމުން ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ޣަފޫރުގެ ވިސްނުން އެހެން ހުރި ނަމަވެސް އިއްޔެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުންގެ ވިސްނުން އެއް ގޮތެވެ. އެ ބޭފުޅުންގެ ނަޒަރުގައި މަޖިލީހުގެ ކޮންމެ މެމްބަރެއް ކަމުގައި ވިޔަސް ޑރ. އަފްރާޝީމަށް ދިމާވި ފަދަ ކަމެއް ދިމާވުމުން އެ މެމްބަރެއްގެ އާއިލާ އަށް އިނާޔަތެއް ދެއްވަންޖެހެ އެވެ. އަދި އެކަމުގައި ބޮޑު ހިޔާލު ތަފާތުވުމެއް ނެތް ކަމަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ މަޖިލީހަކީ އޭގެ ޒާތުގައި ދައުލަތުގެ އެއްބާރު. އެހެންވީމާ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިވާ މިފަދަ ކަންކަން ސީރިއަސް ވާނެ. އޭގެ މާނަ އަކީ ވަޒީފާ އަދާކުރާ އެހެން ތަންތަނާ މެދު ތަފާތު ކުރަނީކީ ނޫން. އަޅުގަނޑުމެންނަށް ހަމަ ކަމެއް ދިމާވާއިރަށް މިހެން ނުކުންނަނީއެއް ނޫނޭ. މިސާލަކަށް ފުލުހަކު އިހަށް ދުވަހު މަރާލުމުން އޭނާގެ މުސާރަ އާއި އިނާޔަތް 140 ޕަސެންޓަށް ބޮޑު އޭނާގެ އާއިލާ އަށް ދިނުމަށް ނިންމި،" ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުގެ ބިލް މިހާރު ކޮމެޓީ މަރުހަލާގައި އޮތް އިރު އެ ބިލް ފާސްވުމުން، މަޖިލީހުގެ މެމްބަރުންނަށް ދިމާވާ ކުއްލި ކަންތައްތަކަށް ހައްލެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޑރ. އަފްރާޝީމްގެ އާއިލާ އަށް އިނާޔަތެއް ދޭންވާނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެ އެވެ. އެކަމާ ދެކޮޅު ހަދާ ބަޔަކު ނެތެވެ. އެކަމަކު ހަމަހަމަ ކަމާއި ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޕާޓީ ވެސް އެހެން މެމްބަރުން ވެސް ޖަޒުބާތެއްގައި ޖެހިގެން އަފްރާޝީމްގެ އާއިލާ އަށް އިނާޔަތް ދޭން ފާސްކުރީ. އެކަމަކު އިހަށް ދުވަހު ޖަސްޓިސް ބިލްޑިންގް ކައިރީގައި ސައިކަލް މަތީގައި ހުއްޓާ މަރުވި ގާސިމްގެ އާއިލާ އަށް ކޯނޗެއްތޯ ދައުލަތުން ދެވުނީ؟ ކޮބައިތޯ އޭނާގެ ކުށަކީ؟ އެހެންވީމަ ހަމަހަމަކަން މި ކަމުގައި ބޭނުންވާ ކަމަށް އަޅުގަނޑަށް ވިސްނެނީ. އަޅުގަނޑަށް ނޭނގޭ އަޅުގަނޑުގެ ވިސްނުން ތަފާތުވާ ސަބަބެއް،" ޣަފޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ