ޕާކިސްތާނުގެ 17 އަހަރުގެ ޓިކްޓޮކް ތަރިއެއް ގަޔަށް ބަޑިޖަހައި މަރާލައިފި

ޕާކިސްތާނުގެ 17 އަހަރުގެ ޓިކްޓޮކް ތަރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. ޓިކްޓޮކް ތަރި ސަނާ ޔޫސުފްގެ ގަޔަށް ބަޑިޖެހީ އޭނާގެ ތިމާގެ މީހެއް ކަމަށާއި މަރާލީ ސަނާގެ ގޭގައި ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން އިސްލާމްއާބާދު ޕޮލިހުން ވަނީ ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށް ސަނާގެ އައިފޯނާ އެކު ހަތިޔާރު ހޯދިކަން އިއުލާންކޮށްފައި ކަމަށް ޕާކިސްތާނުގެ ނޫހެއް ކަމަށްވާ އެކްސްޕްރެސް ޓްރިބިއުން އިން ބުނެއެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ސަމާ ޓީވީ އާއި އެކްސްޕްރެސް ޓްރިބިއުން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝައްކު ކުރެވޭ މީހާ ވަނީ ބަޑިން ހަމަލާދިނުމުގެ ކުރިން ސަނާގެ ގޭގެ ބޭރުގައި ހުރެގެން އޭނާއާ ވާހަކަ ދައްކާފައެވެ. "ޝައްކު ކުރެވޭ މީހާ އެ ގެއަށް ވަދެ ބަޑިޖެހުމަށްފަހު ފިލީ," ފުލުހުންގެ އޮފިސަރަކު އެކްސްޕްރެސް ޓްރިބިއުން އަށް ބުންޏެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) އަށް ގެންގޮސްފައެވެ. "މިކަން ކުރި ކަމަށް ބެލެވެނީ އެތައް ފަހަރަކު ލޯބި ހުށަހަޅައި ގަބޫލު ނުކުރުމުން ކަމަށް ބެލެވޭ. އެ ފިރިހެން މީހާ ވަނީ ސަނާއާ ބައްދަލުކުރަން ތަކުރާރުކޮށް މަސައްކަތްކޮށްފައި،" އިސްލާމްއާބާދުގެ ޕޮލިސް ޗީފް ސައީދު އަލީ ނާސިރު ރިޒްވީ ނިއުސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ. މިދިޔަ ހަފްތާ 17 އަހަރު ފުރުނު ސަނާ އުފަންވީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ޗިޓްރަލް އަށެވެ. ޕާކިސްތާނުގެ ސޯޝަލް އެކްޓިވިސްޓެއްގެ ދަރިއެއް ކަމަށްވާ ސަނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އަންހެނުންގެ ހައްގުތަކާއި ސަގާފީ ތަރިކައާއި ތައުލީމާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ވަނީ އިންސްޓަގްރާމްގައި ބައިމިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ހޯދާފައެވެ. ފަސްޓް ޕޯސްޓުން ބުނި ގޮތުގައި ސަނާއަކީ މެޑިސިން ކިޔަވާ ދަރިވަރެކެވެ. އަދި މިއީ އޭނާގެ ފުރަތަމަ އަހަރެވެ. ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ޕާކިސްތާނުގައި އަންހެނުންނަށް ކުރާ އަނިޔާ އާންމުވެފައި އޮތް ނަމަވެސް، ކައިވެނީގެ ހުށަހެޅުންތަކަށް ދެކޮޅު ހެދުމުން އަންހެނުންނަށް ހަމަލާދޭ މައްސަލަތަކަކީ އާންމު މައްސަލަތަކެއް ނޫނެވެ. ދެހާސް އެކާވީސް ވަނަ އަހަރު ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހެދުމުން އުމުރުން 27 އަހަރުގެ އަންހެން ކުއްޖެއްގެ ބޯ ބުރިކޮށްލި މީހަކު ވަނީ އުމުރަށް ޖަލަށް ލާފައެވެ. އޭގެކުރިން 2016 ވަނަ އަންހެނެއްގެ ގަޔަށް އޭނާގެ ކުރީގެ ލޯބިވެރިޔާ 23 ފަހަރު ވަޅިން ހަމަލާދިން ހާދިސާއެއް ވެސް ހިނގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ