ހުރިހާ ދިވެހި ޙައްޖުވެރިން ތިބީ ހެޔޮ ހާލުގައި މިނާގައި
ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ހެޔޮ ހާލުގައި މިނާގައި ކަމަށް ދިވެހި ޙައްޖު މިޝަންއިން މިއަދު ބުނެފިއެވެ. ޙައްޖު މިޝަންއިން ބުނީ، ހުރިހާ ޙައްޖުވެރިން ވެސް މިހާރު ޖަމްރާއަށް ހިލަ އުކައިފައިވާ ކަމަށެވެ. މިހާރު ހުރިހާ ޙައްޖުވެރިން ތިބީ ހެޔޮ ހާލުގައި މިނާގައި ކަމަށާއި އެއްވެސް ޙައްޖުވެރިއަކު ގެއްލި ނުވަތަ މަގު އޮޅުން ފަދަ ކަމެއް ޙައްޖުތެރޭ މެދުވެރިވެފައިނުވާ ކަމަށް ޙައްޖު މިޝަންއިން ބުންޏެވެ. ޙައްޖުވެރިން ރޭ މުޒްދަލިފާގައި މަޑުކުރުމަށް ފަހު މިނާގެ ފޭލިގެތަކަށް ގޮސްފައިވަނީ މިއަދު ފަތިހެވެ. ޙައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ ----- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން ޙައްޖުވެރިން މިނާގައި ތިބޭނީ ޙައްޖުމަހުގެ ދިހައަކާއި އެގާރައާއި ބާރަވަނަ ދުވަހެވެ. އެގޮތުން، މިއަދު އުޟްހިޔާ ކަތިލުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކައި ހުރިހާ ޙައްޖުވެރިން އިހްރާމް ކަނޑާނެއެވެ. https://x.com/hajjmission_mv/status/1930912160475132048 ޙައްޖުވެރިން އެނބުރި މައްކާއަށް ދާނީ ތިން ޖަމްރާއަށް ހިލަ އުކުމަށް ފަހުގައެވެ. ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ. އެ ގޮތުން، ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ޙައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ