މިއަދު ފާހަގަކުރާ ބޮޑު އީދާ ގުޅިގެން ހަވީރު 4އިން6އަކަށް ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުގެ ހުރިހާ މަގެއްގައި އެއްގަމު އުޅަނދު ދުއްވުން މާލެ ސީޓީ ކައުންސިލުން މަނާ ކުރި ނަމަވެސް، ވެހިކަލް މަނާވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެއާއެކު ފުލުހުންވެސް މިއަދު ވަނީ، މާލެ އާއި ހުޅުމާލޭގައި އެއްގަމުގެ އުޅަނދު ދުއްވުން މަނާވާނެ ކަމަށް ބުނެ، ޝޯޝަލް މީޑިއާ އެކައުންޓްތަކުން ޕޯސްޓުކޮށްފަ އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ދުވަސް ކުރިން، މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ގެޒެޓް ކުރި އިއުލާންގައިވާ ގޮތުން ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގެއްގައި މިއަދު ހަވީރު 4އިން 6އަކަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެ އެވެ. އަދި އެ އިއުލާން ނެރެފައިވަނީ، މިދިޔަ އަހަރު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައި ފާސް ކުރި ނިންމުމަކާ ހަވާލާދީ އެވެ.
ތަފްސީލު - މާލެ ސިޓީ ކައުންސިލުން އެ އިއުލާން ނެރުނު ފަހުން، އިއްޔެ ހަވީރު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިކަމާ ގުޅޭ ގޮތުން އިއުލާނެއް ނެރެފައިވެ އެވެ. އޭގައި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެއް ނުވެ އެވެ.
މިނިސްޓްރީގެ އިއުލާންގައި ހަވީރު 4އިން 6އަކަށް ދުއްވުން މަނާކޮށްފައި ވަނީ، ހަމައެކަނި މާލެ އާއި ވިލިމާލޭގެ މަގުތަކުގަ އެވެ.
މި ވަގުތުތަކުގައި ހަތަރު ބާވަތެއްގެ އުޅަނދު ދުއްވުން މިނިސްޓްރީންގެ އިއުލާންގައި ހުއްދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އުޅަނދުތައް
އެމްބިއުލާންސް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އުޅަނދުތައް
ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދުއްވާ ބަހުގެ ހިދުމަތް
ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތައް
މި ނިންމުމާ ހިލާފުވެއްޖެ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންވެ ސް މިއަދު ކުރި ޕޯސްޓެއްގައި މާލެ އާއި ވިލިމާލޭގައި ހަވިރު އެއްގަމު އުޅަނދު މަނާވާނެކަން ފާހަގަކޮށްފައިވެ އެވެ. އޭގައިވެ ސް ހުޅުމާލެ ނުހިމެނެ އެވެ.
ވެހިކަލް ދުއްވުން މަނާ ވާނީ މާލެ- ވިލިމާލޭގައި؛ ހުޅުމާލެގައި ދުއްވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ