އާޖެންޓީނާ މޮޅުވިއިރު، ބްރެޒިލުން އެންޗެލޯޓީގެ ދަށުން ކުޅުނު ފުރަތަމަ މެޗު އެއްވަރު
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅޭ ކޮލިފައިންގައި އާޖެންޓީނާ ކުޅުނު މެޗު ކާމިޔާބުކުރިއިރު ބްރެޒިލް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވެފައިވަނީ ރަށުން ބޭރުގައި ޗިލީއާ ބައްދަލުކުރި މެޗުން 1-0 އިންނެވެ. ވާދަވެރި މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ އާޖެންޓީނާއިންނެވެ. އެ ޓީމުން ވަނީ 16 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒެވެ. މި ކާމިޔާބީއާ އެކު މިހާރު ވެސް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވާ އާޖެންޓީނާ އުޅެނީ ދެކުނު އެމެރިކާ ސަރަހައްދުގެ އެއްވަނައިގައެވެ. އެއީ، ކުޅުނު 15 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކުއެވެ. މުބާރާތުގައި ބްރެޒިލްއާއި އެކުއެޑޯ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މިއީ ބްރެޒިލްގެ ކޯޗުކަމާ އަލަށް ހަވާލުވި އިޓަލީވިލާތުގެ ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން ބްރެޒިލް ކުޅުނު ފުރަތަމަ މެޗެވެ. އެކުއެޑޯގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެކުއެޑޯއިންނެވެ. މެޗު އެއްވަރުވުމާ އެކު އެކުއެޑޯ އޮތީ 24 ޕޮއިންޓާ އެކު ދެވަނައިގައެވެ. އަދި، ބްރެޒިލް އޮތީ 22 ޕޮއިންޓާ އެކު ފަސްވަނައިގައެވެ. މީގެ އިތުރުން، ޕެރަގުއާއީއާއި އުރުގުއާއީ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ޕެރަގުއާއީންނެވެ. މެޗުގައި ޕެރަގުއާއީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި މަތިއަސް ގަލާޒާ ކާމިޔާބު ކޮށްދިންއިރު ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ހޫލިއޯ އެންކީސޯއެވެ. މި ކާމިޔާބީއާ އެކު ޕެރަގުއާއީ މިހާރުވަނީ 24 ޕޮއިންޓާއެކު ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި، އުރުގުއާއީ އޮތީ 21 ޕޮއިންޓާ އެކު ފަސްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ