ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު ފްރީ ޒޯން ކުންފުނީގެ ސީއީއޯއަކަަށް

ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ސީއީއޯއަކަށް އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއައިޑީއެފްޒެޑްގެ ސީއީއޯގެ މަގާމަށް ޝަފީގު ހަމަޖައްސާފައި ވަނީ، އެނގިފައިވާ ގޮތުގައި، މިދިޔަ މަހު 27ގަ އެވެ.
ތަފްސީލް - އެމްއައިޑީއެފްޒެޑް އުފެއްދީ 2 ޖެނުއަރީ 2024ގަ އެވެ.
މި ކުންފުނި އުފެއްދީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުދާ އެތެރެކުރުމާ އެކު، އަވައްޓެރި އެހެން ބައެއް ގައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
އެމްއައިޑީއެފްޒެޑް އުފެއްދީ ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް ވެސް ޝާމިލުވާ ގޮތަށެވެ. އެއީ:
އެމްއޭސީއެލް
އެމްޕީއެލް
އެސްޓީއޯ
އެމްޓީސީސީ 
އެޗްޑީސީ
ގުޅުން ހުރި - ޝަފީގު އިސްތިއުފާ ދެއްވި ފަހުން އޭނާ ވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ހަމަޖައްސާފަ އެވެ. މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން ވެސް އޭނާ ހުންނެވީ އެ ކުންފުނީގެ ފައިނޭންސްގެ ހެޑްގެ މަގާމުގަ އެވެ.
އެނގުން މުހިންމު - ޝަފީގު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ 30 ސެމްޓެމްބަރުގަ އެވެ. ހަމަ އެ ދުވަހު އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އޭރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އައްޔަންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ