ސުވަރުގެ ވަދެވުމުން ޙާޞިލްވެގެންދާނެ ނިޢްމަތްތަކަށް އެނގުމަކީ ސުވަރުގެ ލިބިގަތުމަށް ކުރާ މަސައްކަތަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު!

މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނަން އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ޙޫރުލް ޢީނުން ޙާޞިލުކުރުމަށް އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ދުށުމަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ. ސަލާމަތުގެ ގޮވައްޗަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. 
ހުރިހާ ހިތްހަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެމީހުންނަށްޓަކައި (ސުވަރުގެވެރިންނަށްޓަކައި) ފޮރުއްވާފައިވާ ލޮލުގެފިނިކަން (އެބަހީ ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތަށް) އެއްވެސް ނަފްސަކަށް ނޭގޭނެއެވެ. (އެއީ) އެމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."
އެސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތަށް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.
އެތާނގެ އަހުލުވެރިންގެ ކާނާއަކީ އެމީހުން ޚިޔާރުކުރާ މޭވާއެވެ. އަދި އެމީހުން އެދޭ ކޮންމެ ދޫންޏެއްގެ މަހެވެ. އެމީހުން ބޯހުށީ ކާފޫރާއި ރަންޖަބީލު އެއްކޮއްފައިވާ ރަލެވެ. ކެއިންބުއިމަށްފަހު ފާޚާނާ ކުރުމުގެ ބަދަލުގައި އެމީހުންގައިން ހިއްލާނީ ދަލެކެވެ. އެ ދަލުގެވަސް ގޮމަކަސްތޫރިގެ ވަސްފަދައެވެ. އެމީހުން ލާނީ ފަށުއި ފޭރާންތަކެވެ. އެމީހުންގެ އެނދުތަކުގެ ދަށްފުށް ހެދިފައިވަނީ ފަށުއިންނެވެ. އެމީހުން ބޭނުންކުރާ ތަށިތައް ހެދިފައިވަނީ އެތެރެފެންނަ ރަނާއި ރިހިންނެވެ. އެތާނގެ އަހުލުވެރިންގެ ރީތިކަން ސާދަވިލޭރޭގެ ހަނދުފަދަ ވާނެއެވެ. އެމީހުންގެ ޢުމުރަކީ، ޒުވާންކަމުގެ ކުންނު ކަމުގައިވާ ތެއްތިރީސް އަހަރެވެ. އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ.
 
- އައްޝައިޚް އަޙްމަދު ނާޒިޙް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ