ވާހަކަ: ގަބުރުސްތާނު - ފުރަތަމަ ބައި

އެޕިސޯޑު 01
ކޮންމެ މީހަކީ ވެސް އުނި މީހެކެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުންނާނެއެވެ. އެކަން އެ މީހަކު އަމިއްލައަށް ގަބޫލުކުރުމަކީ މަދު މީހަކު ކުރާ ކަމެކެވެ. އުނި ސިފަތަކާ އެކު ވެސް އަނެކާ ބަލައިގަތުމަކީ މީހުންނަށް ކުރަން އުނދަގޫ ކަމެކެވެ. ޝިފާޒު ކިބައިގައި ހުރި އުނި ކަންކަންކަމާ އެކު ޔަޒްދާ އޭނާ ބަލައިގަތެވެ. ޝިފާޒް ދެކެ އިންތިހާއަށް ލޯބިވެއެވެ. ޝިފާޒް ވެސް ޔަޒްދާ ދެކެ އެހާ ލޯބިވެއެވެ. ކައިވެންޏަށް އަދި ވީ އެންމެ ހަ މަހެވެ. ދެމަފިރިން ދިރިއުޅެމުން ދަނީ ޝިފާޒްއަށް ލިބުނު ގެވަޅުގައި ގެއެއް އަޅައިގެންނެވެ.
ދިރިއުޅުމާ މެދު ޔަޒްދާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ޝިފާޒް ކަހަލަ ރަނގަޅު ފިރިއެއް ލިބޭނީ ނަސީބުވެރިއަކަށެވެ. ކޮންމެ ކަމެއް ވެސް ނުބުނަނީސް ހުންނަނީ ކޮށްދީފައެވެ. ޔަޒްދާ ބަލި ވެއްޖެ ނަމަ ހުރިހާ ކަމެއް ދޫކޮށްލާފައި އައިސް ހުންނަނީ ޔަޒްދާއަށް ހިދުމަތް ކުރުމުގައެވެ. ދެ މީހުންގެ ވެސް މައިންބަފައިންނެއް ދުނިޔެއަކު ނެތެވެ. ވުމާއެކު އެކަކު އަނެކަކަށް އަޅާލަން ވެސް ތިބީ ހަމަ ދެ މީހުންނެވެ. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ ކޫސަނި މައްސަލަތައް ޔަޒްދާމެންގެ ދިރިއުޅުމުގައި ވެސް ދިމާވެއެވެ. އެ ގޮތުން އެންމެ ގިނައިން ބަހުސްކުރެވޭ މައުލޫއަކީ ކުއްޖަކު ހޯދާ ވާހަކައެވެ. ޝިފާޒް އަދި އެހާ އަވަހަކަށް ކުއްޖަކު ބޭނުމެއް ނުވެއެވެ. ޝިފާޒް ބޭނުންވަނީ ދިރިއުޅުމުގައި ކުރިއަށް ދާށެވެ. ކުރިއެރުންތައް ހޯދައި އަމިއްލަ ކުންފުންޏެއް ފަށައި އެ ކޮޅަށް ޖަހާށެވެ.
ޝިފާޒަކީ ރަށުގައި ވަޑާން ކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މީހެކެވެ. ނަމަވެސް ކުރަނީ މީހެއްގެ ދަށުންނެވެ. އެއީ އެކުވެރި ބުޝްރީއެވެ. ބުޝްރީއަކީ ޝިފާޒްއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ. ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނަނީ ބުޝްރީއެވެ. އެ ކަން ޝިފާޒް ބަލައިގަނެއެވެ. ދެ މީހުން ވެސް އެ މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ. އަތޮޅުތެރޭގެ އެހެން ރަށްރަށުން ލިބޭ އޯޑަރުތަކަށް ވެސް ތަކެތި ހަދާފައި ފޮނުވައެވެ.
ޝިފާޒްމެން ހަދާ ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ ބެޑްރޫމް ސެޓާއި ބަދިގެ ސެޓާއި ޓީވީ ރެކް ފަދަ ތަކެއްޗެވެ. ޝިފާޒް އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ކުންފުނި ހަދައި މުވައްޒަފުން ލައިގެން މަސައްކަތް ކުރާ ދުވަހެވެ. އެ ދުވަސް އޮތީ ދުރަކު ނޫނޭ ހިތް ބުނަމުން ދިޔައެވެ. އެކަމަށް އޭނާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ. އެ ގޮތުން ގޭގައި އޮތް ހުސް ބިމުގައި ވަޑާންކުރާ ތަނެއް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެކަން ބުޝްރީއަށް ވެސް އެނގޭނެއެވެ. އޭނާއަށް ވިސްނެއެވެ. ބުޝްރީ ދެނީ ޝިފާޒަށް ހިތްވަރާއި ނަސޭހަތެވެ. ޝިފާޒް އެކަމާ ޝުކުރު އަދާކުރެއެވެ.
ހަވީރުގެ ހިތްގައިމު ވަގުތަކީ ޝިފާޒް އާއި ޔަޒްދާ ވަރަށް ގިނައިން ސައިކަލު ދުއްވާލަން ނުކުމެ އުޅޭ ގަޑިއެކެވެ. ދެ މީހުން ސައިކަލު ދުއްވަމުން ދިޔައީ ރަށުގެ ދިގު މަގަކުންނެވެ. އެ ވަގުތަކީ އެ މަގުގައި މީހުން މަދު ގަޑިއެކެވެ. އިރު އިނީ މޫނާ ދިމާލަށް ދިއްލިފައެވެ. އޮއްސެމުން ދިޔަ އިރުގެ އަލިކަން މުޅި ފަޒާގައި ވަނީ އެއްކުލައެއް ލެވިފައެވެ. އެކި ވަރުގެ ދޫނިތައް ގޮވަމުން ދިޔައީ އެ ސޮރުމެންގެ މިނިވަންކަން މަތީގައެވެ. ދެ ފަރާތުގައި ހެދިފައިވާ ބޯ ގަސްތައް ތެރެއިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ޔަޒްދާ މަތި ބަލާލިއެވެ. އަދި ދެ ލޯ މަރާލިއެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅި ޔަޒްދާގެ ހަން އޮމާން މޫނުގައި ބީހެމުން ދިޔައެވެ. ޔަޒްދާއަށް ހިނިތުންވެވުނެވެ. ހަމަ އެ ސިކުންތުގައި ލޯ ހުޅުވާލިއެވެ. ހީވީ މޫނާ ވަރަށް ކައިރިން އެއްޗެއް އުދުހިފައި ދިޔަ ހެންނެވެ. ޔަޒްދާ ވަށައިގެން ހޯދާލިއެވެ. އެއްވެސް އެއްޗެއް އެއިން ހިސާބަކު ވެސް ނެތެވެ. ކާޅެއް ހާ ހިސާބު ވެސް ފެންނާކަށް ނެތެވެ. ޔަޒްދާ ހިތަށް އެރިއެވެ. އެ ވާނީ ހީވި ގޮތެއް ކަމަށެވެ.
ޝިފާޒް ސައިކަލް ދުއްވަމުން ގޮސް މަޑުކޮށްލީ ރަށުގެ ތުނޑިއަށެވެ. ރަށަކީ ވަރަށް ބޮޑު ރަށެކެވެ. އެހާ ބޮޑު ތުނޑިއެއް ވެސް އޮވެއެވެ. ދެ މީހުން ސައިކަލުން ފައިބައިގެން ގޮސް ދޮންވެލި ގަނޑުގައި އިށީނދެލިއެވެ. އޭރު އިރު އޮއްސިއްޖެއެވެ. އެކި ހިސާބުތަކުގައި މީހުން މަދުމަދުން އުޅޭތީ ފެނެއެވެ. ދެ މީހުން އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. ޔަޒްދާއަށް ބަލައިލެވުނީ ވައަތް ފަރާތަށެވެ. އޭރު ވަރަށް ދުރުން މީހަކު ފެނުނެވެ. އޭނާ ހުރީ ދެ ޖީބަށް އަތް ޖަހައިގެން ޔަޒްދާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކުޑަކޮށް އަނދިރި ވެފައި އޮތުމުން ކާކުކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ޔަޒްދާ މާ ބޮޑަކަށް އަޅައެއް ނުލިއެވެ.
ރޭގަނޑުގެ ކެއުން ނިންމާފައި ޝިފާޒް ދިޔައީ ބޭރަށެވެ. ޔަޒްދާމެން އުޅޭ ގެއާ ދާދި ގާތުގައި ގަބުރުސްތާނު އޮވެއެވެ. އެ ކަމާ ޔަޒްދާ ކޮންމެވެސް ވަރަކަށް ޖެހިލުންވެއެވެ. ރޭގަނޑު ގެއިން ބޭރަށް ނުދިޔުމަށް ވެސް ޝިފާޒް ގާތުގައި އެތައް ފަހަރަކު ބުނެވިއްޖެއެވެ. ނަމަވެސް ޝިފާޒް އެކި ވާހަކަ ދައްކައިގެން ނުކުމެގެން ދަނީއެވެ. އެ ކަމާ ޔަޒްދާ ހިތްހަމައެއްނުޖެހެއެވެ. ރޭގަނޑު އެކަނި ގޭގައި އުޅުމަކީ ޔަޒްދާއަށް އެހާ ރައްކާތެރި ކަމެއް ކަމުގައި ނުދެކެވެނީއެވެ.
ޔަޒްދާ ކައި ނިންމައިގެން ބޭރަށް ނުކުމެ ޖޯލި ފަތީގައި އޮށޯވެލިއެވެ. ކުރިމަތީ ހުރި ގެއިން ޓީވީ ބަލާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. އޭރު ގަޑިން ނުވައެއް ޖަހައިފިއެވެ. ރަށަކީ މީހުން ވަރަށް ލަހުން ނިދާ ރަށެކެވެ. މީހުން ވެސް އެހާ ގިނަ ރަށެކެވެ. ޔަޒްދާގެ މައިންބަފައިން ނެތް ކަމުގައި ވިޔަސް ތިމާގެ މީހުން އުޅެއެވެ. އަދި ރައްޓެހިން ވެސް މަދުމަދުން އުޅެއެވެ. އެ ގޮތުން އެންމެ ރައްޓެހި ވާނީ ބަދޫރާ އާއި ވަހީދާއެވެ. އެއީ ކުރީގައި އެއް ކުލާހެއްގައި އުޅުނު އެކުވެރިންނެވެ. އަދި މައިންބަފައިން ދުނިޔޭގައި އުޅުނުއިރު، އަވައްޓެރިން ވެސް މެއެވެ.
ޔަޒްދާ އޮތީ ޖަބުރޯލް ގަހެއްގެ ދަށުގައި ހުރި ޖޯލިފައްޗެއްގައެވެ. ހަނދުވަރުގެ އަލި އެޅިފައި ހުރީ ކޮކާ ހަނދުވަރު ހެންނެވެ. ކުއްލިއަކަށް ގަސް ހެލިގަތެވެ. ނަމަވެސް ވައެއް ވެސް ނުޖެހެއެވެ. ހީވީ ގަހަށް އެއްޗެއް ވަރަށް ބާރަށް ޖެހިގަތްހެންނެވެ. ގަސް ހެލުމަކަށް ބަދަލެއް ނާދެއެވެ. ގޮފިގަނޑެއް ވަރަށް ބާރަށް ހެލުމުން ގޮވާ ކަހަލަ އަޑެއް ގޮވަމުން ދިޔައެވެ. ޔަޒްދާ އިނީ މަތި ބަލައިލަން ނުކެރިފައެވެ. ބިންމައްޗާ ދިމާލަށް ބަލާލި އިރު ބުނެދޭން ނޭނގޭ ސިފައެއްގައި ހުރި "މީހަކު" ގަހުގައި ކޮޅަށް ހުއްޓެވެ. ޔަޒްދާއަށް ދެ ލޯ މަރާލެވުނެވެ. ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. ހީވަނީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ކުރިން ވެސް ހުރިހެން ގަހުގެ ހިޔަނި ފެންނަން ހުއްޓެވެ. އެއްވެސް އަޑެއް ވެސް ނީވެއެވެ. ޔަޒްދާ ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަނެވެ. އަދި ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ދިމާވީ ކުޑަކުޑަ ކަމެއް ނޫނެވެ. އެއީ ޔަޒްދާ ދެކޭ ގޮތެވެ. ކޮންމެ ގޮތެއް ވިޔަސް އެ ގަޑީގައި އިންސާނަކަށް އެ ކަހަލަ ކަމެއް ނުކުރެވޭނެއެވެ. އެ ގަހަކީ ނުލާހިކު ބޮޑު ގަހެކެވެ.
ޔަޒްދާ ގޮސް އެނދުމަތީގައި އިށީނެވެ. މޫނުމަތިން ހިއްލާފައިވާ ދާތައް އަތުގެ ނުފުށުން ފުހެމުން ދިޔައެވެ. އެ ވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފާލިއެވެ. ތަޅުލާފައި ހުރުމުން ޓަކި ޖަހާލިއެވެ. ޔަޒްދާ ދިޔައީ ސިއްސައިގެންނެވެ. ދެތިން ފަހަރު ޓަކި ޖަހާލިއެވެ. ދެން އިވުނީ ޝިފާޒްގެ އަޑެވެ. ޔަޒްދާ ދުވަމުން ގޮސް ދޮރު ހުޅުވިއެވެ. އަދި ބައްދާލީއެވެ. ވީ ގޮތް އަލިފުން ޔާއަށް ކިޔައިދިނެވެ. އޭރު ވެސް ޔަޒްދާ ދިޔައީ ތުރުތުރު އަޅަމުންނެވެ.
"ތިއީ ޔަޒޫ މާ ބިރުން އުޅޭތީ ވީ ގޮތެއް. ތި ބުނީއެއްނު ފަހުން ބަލާލި އިރު އެ ކަހަލަ އެއްވެސް ކަމެއް ފެންނާކަށް ނެތޭ. ނޫނީ ތި ވެދާނެ ހީވި ގޮތަކަށް ވެސް،" ޝިފާޒަށް ފެންނަ ގޮތް އޭނާ ބުންޏެވެ.
"ނޫނެކޭ. ހަމަ އަހަރެންގެ ލޮލަށް ފެނުނޭ،" ތުރުތުރު އަޅަމުން ޔަޒްދާ ބުންޏެވެ.
"ކޯއްޗެއް ފެނުނީ؟" ޝިފާޒް އަހައިލިއެވެ.
"ނޭނގެ. ފާޑެއްގެ އެއްޗެއް. ހުވާ އަހަރެން ވަރަށް ބިރުގަތް،" ޔަޒްދާ ބުންޏެވެ.
"މަށަށް ހީވަނީ ޔަޒޫ ގޭގައި އިނދެގެން ކޮންމެވެސް ކަމެއް ކުރަންވީ ހެން. އެހެން ނޫނީ ހިނގާ ސުކޫލް ޓީޗަރަކަށް ވަންނަން. ޔަޒޫ ކޯސް ވެސް ހަދާފައެއްނު،" ޝިފާޒު ހިޔާލެއް ދިނެވެ.
"މަށަށް ވެސް ހީވަނީ ކޮންމެވެސް ކަމެއް ކުރަންވީ ހެން. މާ ބޮޑަށް އެކަނި ވަނީ ކަންނޭނގެ،" ޔަޒްދާ އެއްބަސްވިއެވެ.
އެރޭ ޔަޒްދާއަށް ނިދުނީ ވަރަށް ލަހުންނެވެ. ޔަޒްދާގެ ބޯލާ ކޮޅުގައި ހުރީ ކާކު ކަމެއް ނޭނގެއެވެ. އޭނާ ފެންނަނީ ކަޅު ހިޔަންޏެއް ހެންނެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ