ފަލަސްތީނުގެ މައްސަލާގައި ރާއްޖޭން އައިސީޖޭއަށް ބަޔާން ހުށަހަޅައިފި

އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިޝްތިރާޖީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، ލިޔުމުން އެ ކޯޓަށް ބަޔާނެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅީ އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ 19 ޑިސެންބަރުގައި ފާސްކުރުމުންނެވެ.
ތަފްސީލް - އެ މައްސަލައަކީ އދ. އާއި އެހެނިހެން ވެސް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރާ)ގެ މަސައްކަތްތައް ހުއްޓުވުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމުން ހުށަހެޅި މައްސަލައެކެވެ.
މީގެ އިތުރުން، ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ، އިޒްރޭލުން އުފުލަން ޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލާގައި ރާއްޖޭން އިއްޔެ ހުށަހެޅި ބަޔާނުގައި، އިންސާނީ އެހީދިނުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިޒްރޭލުގެ ޒިންމާތައް ފާހަގަކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން:
ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވޭ
އދ.ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލުގެ މައްޗަށް އަންރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، އެ ޖަމްއިއްޔާގެ މަސައްކަތްތައް ހުއްޓުވާލައި އިޒްރޭލުން އެ ޖަމްއިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވޭ
އެނގުން މުހިންމު - އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމްވެފައިވުމުގެ އިތުރަށް، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ސަރަހައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާތީ އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި އެކި ތަންތަނުގައި ވަކާލާތު ކުރަމުންނެވެ.
ރާއްޖޭން ގަބޫލު ކުރަނީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ބިނާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ