ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތީގެ އަގު ކޮންމެވެސް ވަރަކަށް އުފުލިއްޖެ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަސް ކުރިން ބާޒާރުގައި ތަކެތީގެ އަގު ހުރިވަރާ އަޅާބަލާއިރު، މިއަދު ބާޒާރުގައި ބައެއް ތަކެތި ހުރީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ލެޓިއުސް، ރޯ ކަދުރު، ކަނޑޫދޫ މިރުސް، ޕެޝަންފުރުޓް އަދި ދޮންކެޔޮ ހިމެނެ އެވެ.
މިދިޔަ ހަފްތާގައި 85ރ. އަށް ހުރި ލެޓިއުސް ކިލޯއެއް މިހާރު ލިބެން ހުރީ 120ރ. އަށެވެ. އަދި ބާޒާރުގެ ގޮޅިތަކުގައި ލެޓިއުސް މިހާރު ލިބެންހުރި މިންވަރު މަދުކަން ވެސް ފާހަގަކުރެވެ އެވެ.
ރޯ ކަދުރު ކިލޯއެއް މިދިޔަ ހަފްތާގައި ބާޒާރުން 250ރ. އަށް ލިބެން ހުރިއިރު މިއަދު ކިލޯއެއް ލިބެން ހުރީ 300ރ. އަށް ވުރެ މަތިންނެވެ. ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓު) ކިލޯއެއް ބާޒާރުގައި ހުރީ 120ރ. އަށެވެ. އެކަމަކު މިދިޔަ ހަފްތާގައި ޕެޝަން ފުރުޓު ކިލޯއެއްގެ އަގު ހުރީ 100ރ. އަށްކަން ފާހަގަކޮށްލެވެ އެވެ.
ބާޒާރުގައި މީހަކު މިރުސް ގަންނަނީ: މިރުހުގެ އަގު ހުރީ މިއަދު އުފުލިފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން
ރޯ ކަދުރާއި ލެޓިއުސްގެ އިތުރުން ކަނޑޫދޫ މިރުސް އަދި ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓު) އަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އެންމެ ލިބެން އުނދަގޫ އަދި އަގުބޮޑު ތަކެއްޗެވެ. ކަނޑޫދޫ މިރުހުގެ 100 ގްރާމު 20ރ. އާއި 25ރ. އަށް ލިބެން ހުރިއިރު، މިދިޔަ ހަފްތާގައި ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެންހުރީ 10ރ. އާއި 15ރ. އަށެވެ.
ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު މިއަދު 20ރ. އާއި 25ރ. އަށް ހުރިއިރު މިދިޔަ ހަފްތާގައި ކަރާގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުކަން ފާހަގަކޮށްލެވެ އެވެ. އަދި ދޮންކެޔޮ އެކި ބާވަތްތައް ލިބެން ހުރީ 35ރ. އިން ފެށިގެން 95ރ. އާ ދެމެދުގަ އެވެ.
މިގޮތުން އާދައިގެ ދޮންކެޔޮ ކިލޯއެއް 35ރ. އަށް ލިބެންހުރިއިރު، މާޅޮސް ކެޔޮ އަދި ފުސް ކެޔޮ ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. އެކަމަކު ސުވާސާ ކެޔޮ ކިލޯއެއް 95ރ. އަށް ހުރިއިރު ސަންފާ ކެޔޮ ކިލޯއެއްގެ އަގު ހުރީ 90ރ. އަށެވެ.
ބާޒާރުގައި ދެން ފާހަގަކޮށްލެވޭ ގޮތުގައި ހުރިހާ ތަރުކާރީއަކާއި މޭވާއެއްގެ އަގު ވެސް ހުރީ ގާތްގަނޑަކަށް މިދިޔަ ހަފްތާއާ އަޅާބަލާއިރު އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ.
ރޯދައަށް ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެ ރޯދައަށް ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ