ބަޔާންއިން ސުޓުޓްގާޓް ބަލިކޮށް ލީގާ ގާތަށް ޖެހިލައިފި

ޖަރުމަނު ބުންޑެސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާން މިޔުނިކާއި ސުޓުޓްގާޓް ބައްދަލުކުރި މެޗު ބަޔާންއިން ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފިއެވެ. ސުޓުޓްގާޓްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔާންއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ސުޓުޓްގާޓްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސުޓުޓްގާޓްއެވެ. މިލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަޔާންގެ ޒުވާން ޓީމަށް ކުރިން ކުޅުނު އެންޖެލޯ ސްޓިލާއެވެ. އެ ލަނޑާއެކު ސުޓުޓްގާޓްއިން ހަމަޖެހިލި ނަމަވެސް އެޓީމަށް ލީޑުގައި ފުރަތަމަ ހާފު ނިންމާލެވޭ ގޮތެއް ނުވިއެވެ. މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިރޯއި ސަނޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މައިކަލް އޮލިސޭ ބަޔާންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މި މެޗުގައި ބަޔާންއިން ލީޑު ނަގައިފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައި ލިއޮން ގޮރެޓްޒްކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ކިންގްލީ ކޯމަންއެވެ. މި ހާފުގައި ސުޓުޓްގާޓްއަށް މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މި ކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ 24 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއްގައެވެ. ނަމަވެސް ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި އެއިންޓްރެކްޓް ފްރޭންކްފާޓް މިރޭ ބައްދަލުކުރާ މެޗު ލެވަކޫސެން ކާމިޔާބުކޮށްފި ނަމަ އަނެއްކާވެސް މި ފަރަގު އަށް ޕޮއިންޓަށް ކުޑަވާނެއެވެ. ރޭގެ މެޗުން ބަލިވުމުން ސުޓުޓްގާޓް އުޅެނީ 36 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ