ބައެއް ސަގާފަތްތަކަށް ޒަމާނީ ކުލަ އާދެ އެވެ. ކިތަންމެ ދޫކޮށްލަން ބޭނުން ނުވިޔަސް ބައެއް ކަންކަން މަޑުމަޑުން ބަދަލު ވެސް ވެ އެވެ. އޭގެ ތެރެއަށް ޒަމާނީ ސިފަތައް ވަދެ އެވެ. މި ގޮތަށް ބަދަލުވާ ސަގާފަތްތަކާ މެދު ރުހޭ މީހުންނާއި ނުރުހޭ މީހުން އުޅޭނެ އެވެ.
ބަރަކާތްތެރި ރޯދަމަސް ވަނީ އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދަ އާއި ސަގާފަތްތަކާ ގުޅިފަ އެވެ. އެކަމަކު އޭގެ ބައެއް ކަންކަން ބަދަލު ވެއްޖެ އެވެ. އެކި ކަންކަން ކުރަމުން އަންނަނީ ވެސް އެކި ގޮތްގޮތަށެވެ.
މިސާލަކަށް ބަލަމާ ހިނގާށެވެ. ރޯދަމަހު އަހަރެމެންނާ އެންމެ ގާތް އެކައްޗަކީ ކަރަ އެވެ. ރޯދަވީއްލާ ގަޑީގައި ކަރާ ފަނިތައްޓެއް ނެތި ކަމަކުނުދެ އެވެ. އެކި ދިވެހިން ކަރާ ކޮށާ ގޮތާއި ފަނި ގިރާ ގޮތް ވެސް ތަފާތެވެ. މިކްސަރުން ގިރާފައި ހުންނަ ކަރާ ފަނި އެއްބަޔަކަށް ރަނގަޅު އިރު އަނެއް ބަޔަކަށް މީރެއް ނުވެ އެވެ.
ރޯދަ މަހަަށް މަރުހަބާ ކިޔަން މީގެ ކުރިން ފޮނުވާ ކާޑާއި ފިހާރަތަކުގައި އަޅުވާ ސޭލްތަކުގައި ވެސް ބޭނުންކުރަނީ ކަރައާ ގުޅުން ހުރި ޑިޒައިންތަކެވެ.
ނަމަވެސް މިފަހަކަށް އައިސް ރޯދަ މަސް ސިފަކުރާ ގޮތް ބަދަލުވެއްޖެ އެވެ. އޭގެ އެއް ހެއްކަކީ ރޯދަމަހާ ގުޅޭ އިސްތިހާރުތަކުގައި ކަރާ ފެންނަވަރު މަދުވުމެވެ.
އޭގެ ބަދަލުގައި ފެންނަނީ ކޮންމެވެސް ކަހަލަ ބިގަރެއް، އުއްބައްތިއެއް ނޫނީ ބޮކި ފައްޗެކެވެ. ރޯދަ މަސް ޕްރޮމޯޓްކުރާ ގޮތާއި ރޯދަ ތަހުނިޔާ ކާޑުތަކުގައި ވެސް ފެންނަނީ ހަމަ މިތަކެއްޗެވެ.
އަހަރުމެންނަށް ފެން އީދު ލައްވާލުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު ބައިބޯ މާލޭގައި މިފަހަރު ރޯދައަށް ތައްޔާރުވާން ލިބުނު އެންމެ ފަހު ދުވަހު އޮތީ ބޯ ވިއްސާރަ އެވެ.
އެހެން ނޫން ނަމަ އިއްޔެ ފެންނާނީ ގެއަށް ވައްދާ ތަފާތު އެއްޗެހި ހިފައިގެން ސައިކަލްތަކުގައި ދަތުރުކުރާ ތަނެވެ. އެކަމަކު އިއްޔެ ގިނަ މީހުން ގޭގައި ތާށިވީ އެވެ.
އިއްޔެ ހަވީރު ބޭރަށް ނުކުމެ ގަދަ ވާރޭގައި ދުއްވާލި އިރު ޓްރެފިކް މަދުވުމުން ލިބުނު ހައިރާންކަމަށް ވުރެ ބޮޑަށް ހައިރާންވީ ބޮކިފައްޗާއި ރޯދަ މުބާރަކު ބެނާތަކާއި އުއްބައްތި އަދި ބިގަރު ކަހަލަ އެއްޗެހި ވިއްކާ ފިހާރައެއް ފެނުމުންނެވެ.
މީހުންތަކުން ފިހާރަ އޮތީ ތޮއްޖެހިފަ އެވެ. ކޯޓު ލައިގެންނާއި ތެމި ފޯވެފައިވާ މީހުންނެވެ. އެންމެން ވެސް އެމީހެއްގެ ގޭތެރެ ޒީނަތްތެރިކުރަން އެ ފިހާރައިން ސާމާނު ހޯދަނީ އެވެ.
ތެދެކެވެ. އަހަރެމެންގެ އޭރުގެ ސަގާފަތަކީ ގެއަށް ދޮންވެލި ލައި، އުނދޯލި ދޮވެލައި ހިފާ ގެންގުޅޭ ސާމާނު މޫދަށް ގެންގޮސް ދޮވުމެވެ. މިހާރު ދޮންވެލި ލާން ޖެހޭ ހުސް ބިމެއް މާލޭގެ ގޭގެއަކު ނޯވެ އެވެ. ހިފައި ގެންގުޅޭ ސާމާނު ގޭތެރޭގައި ދޮވެލެވެ އެވެ.
ގޭތެރެ ޒީނަތްތެރިކުރަން ވެސް، ރޯދައަށް ތައްޔާރުވުން ވެސް މި އޮތީ މިހާރު ބަދަލުވެފަ އެވެ. ސަގާފަތަށް އަންނަ ބަދަލުތަކެވެ.
ރޯދައަށް ތައްޔާރުވުމާއި ޒީނަތްތެރިކުރުމުގެ ގޮތްގަނޑަށް ޒަމާނީ ބަދަލުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ