ސަން ބަދިގެ: ބްރެޑް ލަޒާނިއާ

ރޯދަމަހުގެ ފުރަތަމަ ދުވަހު ކައްކަން ފަށަން ވާނީ ވަރަށް ފޯރީގައެވެ. ނަމަވެސް މި ރޯދައިގައި ޚަރަދަށް ވެސް ބަލަންޖެހެއެވެ. އެހެންވެ މިފަހަރު މި ގެނެސްދެނީ، ބަޖެޓަށް ބަލައިގެން ލަޒާނިއާ ތައްޔާރު ކުރެވޭނެ ގޮތެކެވެ. އެގޮތުން މި ރެސިޕީގައި ބޭނުންކޮށްފައިވާނީ އާންމުކޮށް ދިވެހީންގެ ބަދިގެއިން ލިބެން ހުންނަ ތަކެއްޗެވެ. ބޭނުންވާނެ ތަކެތި 1 ޕާން 1 މަސް ދަޅު 1 ކެރެޓު ގާނާފައި 1 ފިޔާ 5 ލޮނުމެދު 1/2 އިންޗި އިނގުރު 1 ހިކަނދިފަތް 1 ގިތެޔޮ މިރުސް 1 ކެޕްސިކަމް 1 ލީކްސް ޓޮމާޓޯ ސޯސް ޗިލީ އެންޑް ގާލިކް ސޯސް ފްރައިޑް ޗިކަން ޗިލީ ސޯސް އޮއިސްޓާ ސޯސް ސޯޔާ ސޯސް 6 ބިސް ލޮނު އަސޭމިރުސް 1 ޓޮމާޓޯ ވެޖިޓެބުލް އޮއިލް ތައްޔާރު ކުރާނެ ގޮތް އެންމެ ފުރަތަމަ، ސޯސްގަނޑު ހެދުމަށް ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ފިޔާއާއި ހިކަނދިފަތް މީރުކުރާނީއެވެ. އަދި އޭގެ ތެރެއަށް ގާނާފައި ހުރި ލޮނުމެދާއި އިނގުރާއެކު، ކުދިކުދިކޮށް ކޮށާފައި ހުރި ކެޕްސިކަމާއި ގިތެޔޮ މިރުސް އަޅާނިއެވެ. އެއަށްފަހު ގާނާފައި ހުރި ކެރެޓާއި ލީކްސް ވެސް އަޅާލާށެވެ. ދެން އަޅާނީ މަސް ދަޅެވެ. އަދި ކުޑައިރުކޮޅަކަށް ކެއްކުމަށްފަހު، ސޯސްތައް އަޅައި މިކްސް ކުރާނީއެވެ. އަދި ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް އެޅުމަށްފަހު މަޑު ގިނީގައި ތިން މިނިޓަށް ކައްކާލާނީއެވެ. ލަޒާނިއާ ޝީޓްގެ ގޮތުގައި ޕާން ފޮތި ބޭނުންކުރުމަށް، ޕާން ފޮތީގެ ހަތަރު ފަރާތް ކަފާލަން ވާނެއެވެ. ފުރަތަމަ ޕާން ފޮތިތައް ޓްރޭގައި ފަތުރާލާށެވެ. އެއަށްފަހު ވަކި ތަށްޓަކަށް ހުރިހާ ބިހެއް އަޅައި، ލޮނާއި އަސޭމިރުސްކޮޅެއް އަޅާށެވެ. ޕާން ފޮތިތަކުގައި މަތީގައި ފުރަތަމަ ސޯސްގަނޑު ފަތުރާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ބިސް އަޅާށެވެ. އަނެއްކާވެސް އޭގެ މަތީގައި ޕާން ފޮތީގެ ލޭޔާއަކާއި، މަހާއި ބިސް އަޅަމުންދާށެވެ. އެންމެ ފަހު ލޭޔާއަށް ފަހު، ފޮތިކޮށްފައިވާ ޓޮމާޓޯ މަތީގައި ފަތުރާލާނީއެވެ. އެއަށްފަހު ބިސް ރަނގަޅަށް ރޯފިލަންދެން އަވަންގައި ފިހެލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ