ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި، ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންނަށް މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިން މިނިސްޓްރީގެ މެއިލް، [email protected] އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޝަކުވާ ހުށަހަޅަން ހުޅުވާލައިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ. އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފައެވެ. ހައުސިން މިނިސްޓްރީން އެއިރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ. މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ ފޯމުތަކެވެ. އައު ލިސްޓު ނެރުމާއެކު ވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ