ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގާނޫނުއަސާސީން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭވެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ނިންމީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި މިއަދު ގޮތެއް ނިންމަމުންނެވެ.
ހައި ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ދަށު ކޯޓުން އަމުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތީ މަނީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ.
ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެގޮތަށް ވިދާޅުވީފަނޑިޔާރު މުހައްމދު ނިޔާޒުގެ ރައުޔުގަ އެވެ. މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފަ އެވެ.
ހައި ކޯޓުން މިއަދު އެގޮތަށް ނިންމިއިރު، އެހެން އިދާރާތަކުގެ ޖުރިސްޑިކްޝަން ހިނގާ ތަހުގީގުތަކުގައި އެ އިދާރާއެއްގެ ބައިވެރިވުން ނެތި އެމައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ނިންމައިފަ އެވެ.
ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.
އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
"ހަމައެއާއެކު، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ޝަމްއާންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމުގެ މަސައްކަތް ވެސް މިނިސްޓަރު އިހުސާން ފެށި، އެގޮތުން، ޖަމިއްޔާއެއް ރަޖިސްޓްރީކުރުމުގެ ބޭނުމަށް ޝަމްއާން ވަހީދުގެ ކުށުގެ ރިކޯޑު ސާފުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން، ޝަމްއާންއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާކަން ފެބްރުއަރީ 2، 2025، ގައި ފުލުހުން ދޫކޮށްފައިވާ ކުށުގެ ރިކޯޑަށް ބެލުމުން ފާހަގަކުރެވުނު،" ޝަމްއާންގެ އާއިލާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ