މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރާ މުޒާހަރާ ހުއްޓުވަން ފުލުހުން މިރޭ ބާރުގެ ބޭނުންކޮށް, ދެ ޒުވާނަކު ހައްޔަރުކުރި ކުރުން ކުށްވެރިކޮށް، އެ ދެ ޒުވާނުން ދޫކޮށްލަން ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާ ނަގައިކިޔަން އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި އާއިޝަތު ޝިމަން އަހުމަދު، 19 އެވެ.
އެ ދެ ޒުވާނުން ދޫކޮށްލަން ގޮވާލައި އަޒާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް ސުލުހަވެރި އިހުތިޖާޖުތައް ހުއްޓުވުން ނިމުމަކަށް ގެންނާނެކަމުގެ ވައުދާއެކުގައި ކަމަށެވެ.
"ފާއިތުވި ވެރިކަމުގައި ވެސް ސުލްހަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވި. މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވަމުން، އެހެނަސް މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން،"އަޒާން ވިދާޅުވި އެވެ.
"މިއީ ކަންބޮޑުވާ ކަމެއް! ސުލުހަވެރިކަމާއި އެކު އިހުތިޖާޖުކުރުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް! މިރޭގެ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް ގޮވާލަން."
އަޒާން އެ ފާހަގަ ކުރެއްވި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް ފުލުހުން އަމަލު ކުރި ކަމެވެ.
ބާރުގެ ބޭނުންކޮށް މިރޭގެ މުޒާހަރާ ރޫޅާލައި، ދެ ޒުވާނަކު ހައްޔަރުކުރި މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިޔުން އޮހެން ފެށުމުން ފުލުހުން ބުނީ މަހުޒޫމު ހައްޔަރު ކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
ނިމިގެންދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ފަންގިފިލާއިން، އެގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި މީހަކު ހައްޔަރުކޮށް، ތަހުގީގަށް ފޯނުތައް އަތުލައި، މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވުނު ތަންތަން ބަލައި ފާސްކުރީ ޒުވާނުން މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ.
މަޖީދީ މަގުގައި ޒުވާނުން ކޮންމެ ރެޔަކު މުޒާހަރާ ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު މިރޭ ފިޔަވައި އެހެން އެއްވެސް ރެޔަކު ފުލުހުން މުޒާހަރާއަށް ހުރަހެއް ނާޅަ އެވެ. މީހަކު ހައްޔަރެއް ވެސް ނުކުރެ އެވެ.
ރައީސްގެ ވައުދާ ފުލުހުން ހިލާފުވެއްޖެ، މަހުޒޫމް އާއި ޝިމަން ދޫކޮށްލާ: އަޒާން ރައީސްގެ ވައުދާ ފުލުހުން ހިލާފުވެއްޖެ، މަހުޒޫމް އާއި ޝިމަން ދޫކޮށްލާ: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ