މުޒާހަރާ ރުޅާލީ ހައްގު ހަނިކުރަން، 2 ޒުވާނުން ވަގުތުން ދޫކޮށްލާ: އެމްޑީއޭ

ޒުވާނުން ރޭ ކުރި މުޒަހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށާއި ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ބުނެފިއެވެ. އެސްއޯ ފުލުހުންގެ ޓީމެއް ރޭ ވަނީ، ހައްވާ ޔުމްނު ރަޝީދުގެ އިންސާފަށް ގޮވާލައި ޒުވާނުން ކުރި މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ. އެ މުޒާހަރާ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުން މުޒާހަރާގެ މަޝްރަހު ރޭވަރަށް ބޮޑަށް ގޯސްވިއެވެ. އޭގެ ފަހުން، ދެ މީހަކު ފުލުހުން ހައްޔަރު ވެސް ކޮށްފައިވެއެވެ. ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ މައްސަލައިގައި އެމްޑީއޭއިން ނެރުނު ބަޔާނެއްގައިވަނީ، ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތް ދެ ޒުވާނުން ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެގޮތުން، އެ ޒުވާނުންތައް ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ ޕާޓީން ވަނީ ހައްޔަރުކުރި 2 ޒުވާނުން ދޫކޮށްލަން ގޮވާލާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ގާނޫނުން ލިބިގެންވެއެވެ. އެކަން ފާހަގަކޮށް، އެ ޕާޓީން ވަނީ، ސުލްހަވެރިކަމާއެއްކޮށް ޒުވާނުން އެއްވެ މުޒާހަރާ ކުރަމުން ދަނިކޮށް އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައިވަނީ ގާނޫނުން ލިބިފައިވާ އަސާސެއް ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށް ބުނެފައެވެ. އެހެންވެ، މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުންނާ ދައުލަތުގެ ހުރިހާ އިދާރާތަކަށް އެމްޑީއޭއިން އިލްތިމާސްކޮށްފައެވެ. އަދި، ތަފާތު ކުރުމެއް ނެތި ފުޅާދާއިރާއެއްގައި އެންމެމަށް އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ވަނީ ގޮވާލާފައެވެ. އެމްޑީއޭގެ އިތުރަށް އެމްޑީޕީންނާއި ޑިމޮކްރެޓުން ވެސް ވަނީ ހައްޔަރުކުރި ޒުވާނުން މިނިވަން ކުރުމަށް ގޮވާލާފައެވެ. https://sun.mv/205496 އެ މައްސަލައިގައި ފުލުހުން ބުނީ، ޒުވާނުން ކުރި މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަތާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ