ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ: ޚުތުބާ
ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ، "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ!" މި މައުޟޫއުގެ މައްޗަށެވެ. އެއީ، އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ދެއްވި ޚުތުބާގެ ތަރުޖަމާއެވެ. ޚުތުބާގައި ބުނީ، އަޅުތަކުންގެ ތެރެއިން އެކަލާނގެ ރަހުމު ކުރައްވާނީ މީހުންނަށް ރަހުމުކުރާ މީހުންނަށް ކަމަށާއި މީސްތަކުންނަށް އޯގާތެރިވާ އަޅުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާނެ ކަަމަށެވެ. އެކަކު އަނެކަކަށް ރަހުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއް ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކަށްވަޅުގެ އަޒާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކޮށް، ގިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ހުކުރު ނަމާދުގެ ތެރެއިން: މާތް ﷲއަށް ކުއްތަންވާ މީހުންނަކީ ޚަލްގުތަކުންގެ މައްޗަށް އެންމެ އޯގާތެރިވާ މީހުން ކަމަށް ޚުތުބާގައި ވަނީ ބުނެފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މާތްﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށްކަން ފާހަގަކޮށް ޚުތުބާގައި ގޮވައިލީ އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށާއި މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ އިތުރުން ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަށް ނަސޭހަތްތެރިވިއެވެ. މީގެ އިތުރުން، އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ، ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަ ލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ. ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށާއި، ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. "އެ ކަލާނގެ އަޅުތަކުންނަށް، މިފަދަ މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވައެވެ. ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމުންނެވެ. އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުމުންނެވެ. އަދި މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ،" ޚުތުބާގައި ބުންޏެވެ. ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަން ފާހަގަކޮށް ޚުތުބާގައި ބުނީ, މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށެވެ. ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާން ޚުތުބާގައި ގޮވައިލިއެވެ. "ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ!" ޚުތުބާގައި ބުންޏެވެ. މީހެއްގެ ނިކަމެތިކަމާ ހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދިނުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މާތްމީހާގެ ވައުދު އަވަހަށް ފުއްދާނެ ކަމަށާއި ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި, އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑު ކަމަށް ޚުތުބާގައި ބުންޏެވެ. "ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟" ޚުތުބާގައި ބުންޏެވެ. ތިބާ ނިދި ހަމަކޮށް ތެދުވުމަށް ޚުތުބާގައި ގޮވައިލިއެވެ. "ނަރަކައިގެ އަލިފާން އަނއަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭހެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ. މާތް ﷲގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވެއެވެ. ނިކަމެތިކަމައެކު ތިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވާށެވެ! ޢުޛުރުވެރިކަމާޢެކު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖަހާށެވެ! ޢަފޫކުރެއްވުމަށް އެދި ދެއަޔް އުފުލައިލާށެވެ!" ޚުތުބާގައި ބުންޏެވެ. އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާކަން ޚުތުބާގައި ވަނީ ހަނދާކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ