ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަސް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އެމްޑީޕީގެ ޤާނޫނީ ވަކީލް އަނަސް ޢަބްދުއްޞައްތާރު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގެންފައިވާކަމަށާއި، މައްސަލަ ހުށައެޅުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ އިއްޔެ އެޖެންޑާކުރެވުނު ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އެ ޖަލްސާއަށް ސަލާމްވިދާޅުވެފައިވާތީ އެ މައްސަލަ ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އަދި މިއަދުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކުރުމަށްފަހު މިއަދުވެސް އީވާ ސަލާމްގައި ހުންނެވެމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައެއް ނުވެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
އެމްޑީޕީން ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ