ޖިމީ ސަސްޕެންޑްކުރުމާ އެކު، ޓްރަމްޕަށް ފާޑުކިޔާ މީހުން ހުއްޓުވާކަމުގެ ކަންބޮޑުވުން
ބަޑިން ހަމަލާދީ މަރާލި އެމެރިކާގެ ކަނާއަތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކަށް ފާޑުކިޔުމުން އެމެރިކާގެ އެންމެ މަޝްހޫރު އެއް ކޮމީޑިއަން ޖިމީ ކިމެލް ސަސްޕެންޑުކޮށް، އޭނާގެ ޓޯކް ޝޯ "ޖިމީ ކިމެލް ލައިވް" ހުއްޓުވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ފާޑުކިޔާ މީހުން ފިއްތާލުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާކަމުގެ ހެއްކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކެނެޑާގެ ސީބީސީ ނޫހުން ރިޕޯޓުކޮށްފިއެވެ. ޖިމީގެ ޝޯ ގެނެސްދެނީ ވޯލްޓް ޑިޒްނީގެ ދަށުން ހިންގާ އޭބީސީން ނެޓްވޯކުންނެވެ. އޭބީސީން ބުނީ، "ޖިމީ ކިމެލް ލައިވް" ހުއްޓުވަން ޖެހުނީ އެންމެ ފަހުން ގެނެސްދިން އެޕިސޯޑުގައި ކާކްއަށް ފާޑުކިޔައި ޖިމީ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި، ކާކަށް ހަމަލާދިން މީހާއަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަޕޯޓަރެއް ކަމަށް ދޭހަވާގޮތަށް ޖިމީ ވާހަކަ ދައްކާފައިވާތީ ކަމަށް ވެސް އެ ނެޓްވޯކުން ބުންޏެވެ. އޭބީސީ ނެޓްވޯކުން ގެނެސްދޭ "ޖިމީ ކިމެލް ޝޯ" ގެ ބާނީ ޖިމީ ކިމެލް. ފޮޓޯ/ޑިޒްނީ ޖިމީގެ ޝޯ އޭބީސީން ހުއްޓުވާފައި މި ވަނީ ޓްރަމްޕަށް ފާޑުކިޔާ ކަމަށް ބުނެ، އެމެރިކާގެ ބޮޑެތި ނޫސްތަކަށް ދެކޮޅަށް ބިލިއަން ޑޮލަރުގެ ދައުވާތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އަބުރުފުޅާ ބެހި، ބަދުބަސް ބުނުމާ ގުޅިގެން ކަމަށް ވިދާޅުވެ، ދަ ނިއު ޔޯކް ޓައިމްސްއާ ދެކޮޅަށް 15 ބިލިއަން ޑޮލަރު (11 ބިލިއަން ޕައުންޑް)ގެ ދައުވާއެއް ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މި ކަންކަމާއެކު ޚިޔާލާފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތުކުރާ މީހުން ވަނީ ވައިޓްހައުސްއިން މީޑިއާ ޕްރޮޑިއުސަރުންނަށް މާލީ، ގާނޫނީ އަދި ރެގިއުލޭޓަރީ ޕްރެޝަރުކޮށް، އެމެރިކާ މީހުންގެ ފުރަތަމަ އިސްލާހުގެ ހައްގުތައް ފިއްތާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދަ ވޯލްޓް ޑިޒްނީ ސްޓޫޑިއޯސްގެ ބޭރުގައި ޖިމީ ކިމެލްގެ ޝޯ ސަސްޕެންޑް ކުރުމާ ގުޅިގެން މުޒާހަރާ ކުރަނީ. ފޮޓޯ/އޭޕީ އެގޮތުން، ޖިމީ ސަސްޕެންޑުކުރުމަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްތަކަށާއި މީޑިއާ ޝަޚުސިއްޔަތުތަކަށް އަދަބު ދިނުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ޕެޓާންއަށް ރަނގަޅަށް ފިޓްވާ ކަމެއް ކަމަށް ވޮޝިންޓަންގައި ހުންނަ އެޑްވޮކޭޝަން ގްރޫޕެއް ކަމަށްވާ ފައުންޑޭޝަން ފޯ އިންޑިވިޖުއަލް ރައިޓްސް އެންޑް އެކްސްޕްރެޝަންގެ އިސް ވަކީލު ކޮނޯ ފިޓްސްޕެޓްރިކް ވިދާޅުވިއެވެ. "މިއީ އެމެރިކާގައި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އައި އަނދިރި ވަގުތެއް،" ސީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ފިޓްސްޕެޓްރިކް ވިދާޅުވިއެވެ. "މި ވެރިކަމުން ގަބޫލުކުރާ ގޮތުގައި އާންމުން އަޑުއަހަން ޖެހޭ އެއްޗެހި ނިންމާނީ ސަރުކާރުން،" އޭބީސީން ޖިމީއަށް އެ ފިޔަވަޅު އެޅި ސަބަބު ހާމަނުކުރި ނަމަވެސް، އެމެރިކާގައި މީޑިއާގައި ރެގިއުލޭޓްކުރާ ސަރުކާރުގެ އިދާރާ، ފެޑަރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ)ގެ ވެރިޔާ ބްރެންޑަން ކާ ވެސް ވަނީ ކާކްއަށް ފާޑުކިޔައި އެ ޝޯގައި ޖިމީ ދެއްކި ވާހަކަތައް ކުށްވެރިކުރައްވައިފައެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގާ އެފްސީސީގެ ވެރިޔާ ވަނީ އޭބީސީގެ ލައިސަންސް ހިފައްޓާނެކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކާއަކީ ޓްރަމްޕް އައްޔަންކުރައްވާފައިވާ ވެރިއެކެވެ. 'އޭނާ މާ ކުރިން ވެސް ވަޒީފާއިން ވަކިކުރަންޖެހޭ" ޖިމީ ވަޒީފާއިން ވަކިކުރަން ބޭނުންފުޅުވާކަން ކުރީއްސުރެ ފާޅުކުރައްވާފައިވާއިރު، ޖިމީ ވަޒީފާއިން ވަކި ކުރުމަކީ ޚިޔާލުފާޅުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ނޫން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. "ޖިމީ ކިމެލްއަކީ މާ ހުނަރުވެރި މީހެއް ނޫން،" އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. https://sun.mv/211391 "އެ މީހުން މާ ކުރިން ވެސް އޭނާ ވަޒީފާއިން ވަކިކުރަންޖެހޭ،" ޓްރަމްޕް އެގޮތަށް ވިދާޅުވި ނަމަވެސް ޖިމީގެ ހުނަރާއި އޭނާގެ ޝޯގެ ރޭޓިންއާއި އޭބީސީން ޝޯ ދެއްކުން ހުއްޓާލަން ނިންމުމާ ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތެވެ. މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލު ކުރުން ޖިމީއަށް ކަންތައްވީ ގޮތުން އެނގެނީ ކާކްއާއި ނުވަތަ ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުކިޔާނަމަ، ކޮންމެ މިޑިއާއެއް ވެސް ހިމޭން ކުރުވާނެކަން ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓީކް ޕާޓީގެ މެންބަރު ކްރިސް މާފީ ވިދާޅުވިއެވެ. "އެއީ ސެންސަރުކުރުން. އެއީ ކޮންޓްރޯލު ކުރުން. އެއީ އެމެރިކާއެއް ނޫން،" މާފީ ވިދާޅުވިއެވެ. ކޮމެޑީ ތަރި އަދި ޕޮޑްކާސްޓާ ޕީޓް ޑޮމިނިކް ބުނާ ގޮތުގައި ވައިޓް ހައުސްއިން ވަނީ ކާކްގެ ހިތާމަވެރި މަރު ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލާފައެވެ. އޭބީސީއާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ޑިޒްނީއަށް ސަރުކާރުން އިންޒާރުދިނީ ކަމަށް ނޫސްވެރިޔާ އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ލިޔުންތެރިޔާ ޑޭވިޑް ފްރަމް ވެސް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ އެ މަނިކުފާނަށް ފާޑުކިޔާ އިތުރު މީޑިއާތައް ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ. އެގޮތުން، ގަސްތުގައި އަދި ނުބައި ނިޔަތުގައި އަބުރުފުޅު ކަތިލާ ކަމަށް ވިދާޅުވެ، ދަ ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް 15 ބިލިއަން ޑޮލަރުގެ ދައުވާއެއް ވަނީ ކުރައްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ރޮއިޓާސް އޭގެ އިތުރުން ފައިނޭންސާ ޖެފްރީ އެޕްސްޓައިންގެ 50 ވަނަ އުފަންދުވަހާ ދިމާކޮށް ޓްރަމްޕް ސިޓީއެއް ފޮނުއްވި ކަމަށް ރިޕޯޓުކުރުމާ ގުޅިގެން ވޯލް ސްޓްރީޓް ޖާނަލްއަށް 10 ބިލިއަން ޑޮލަރުގެ ދައުވާއެއް ވެސް ކުރެއްވިއެވެ. މިދިޔަ އަހަރު އެ މަނިކުފާނު ވަނީ ސީބީއެސްގެ ބެލެނިވެރި ކުންފުނި ޕެރާމައުންޓްގެ މައްޗަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ ދައުވާއެއް ވެސް އުފުއްލަވާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ސީބީއެސްގެ '60 މިނެޓް' ޝޯގައި ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނުގެ ވާދަކުރެއްވި ކަމަލާ ހެރިސްގެ އިންޓަވިއުއެއް އޮޅުވާލައިގެން ގެނެސްދިން ކަމަށެވެ. އުތުރު އެމެރިކާގައި އޮންނަ "ގަލްފް އޮފް މެކްސިކޯ"އަށް "ގަލްފް އޮފް އެމެރިކާ" ޚަބަރުތަކުގައި ބޭނުން ނުކުރުމުން، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަސް ދުވަސް ނުވަނީސް އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިންނަށް އޯވަލް އޮފީހުގެ އިވެންޓްތަކަށް ވަނުން ވެސް މަނާކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ