ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ވާދަނުކުރަން ސިނާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމާއިއެކު މެންބަރުކަމުން ވަކިވި މުހައްމަދު ސިނާން ކުރިއަށް އޮތް ބައިއިލެކްޝަންގައި ވާދަނުކުރަން ނިންމައިފިއެވެ.
ޕީއެންސީގެ ޕްރައިމަރީގެ ޓިކެޓް ކާމިޔާބުކޮށްފައި ވީނަމަވެސް ސިނާން ދެންމެ އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.
މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާ ފުރިހަމަ ބައިވެރިވުމާއި އޭނާގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވާކަމަށް ސިނާމން ވިދާޅުވިއެވެ.
"އަޅުގަނޑުގެ މިނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑަރޝިޕަށް މިހާރުވާނީ ދަންނަވާފައެވެ. އަޅުގަނޑުގެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕް އިޚްތިރާމާއެކު ވަނީ ބަލައިގެންފައެވެ. މާތްﷲގެ ހެޔޮރަޚްމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ. އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ