ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުން 25 މިލިއަން ލިބެންޖެހޭ؛ ކުލީގެ ޖޫރިމަނާ މައާފުކޮށްދީފި

މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 25.9 މިލިއަން ރުފިޔާ އަރާފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ފްލެޓުތަކަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދޭން މާލޭ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ އިމާރާތްތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު ރައީސް މުއިއްޒަށް ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ވަނީ ކޮށްފަ އެވެ.
އެއަށް ފަހު، ގަލޮޅުގައި ހުންނަ ސިނަމާލެ އާއި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މި މަސް ތެރޭ މުލިއާގޭގައި ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ އެތަންތަނަށް އަރާފައިވާ ކުލީގެ ޖޫރިމަނާ މައާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމެވި އެވެ.
ތަފްސީލް - މި ފްލެޓުތަކަކީ މާލޭ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމުން، އެތަނުގެ ކުލީގެ ޖޫރިމަނާ މައާފުކޮށްދެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅާ ފާސްކޮށްގެންނެވެ. އެހެންވެ، މިއަދު އޮތް ކައުންސިލްގެ ރަސްމީ ޖަލްސާއަށް އެކަން ހުށަހަޅައި މިހާތަނަށް އަރާފައިވާ ކުލީގެ ޖޫރިމަނާ މައާފުކޮށްދޭން ވަނީ ފާސްކޮށްފަ އެވެ.
މޭޔަރު ކަމުގައި މިހާެރުގެ ރައީސް މުއިއްޒު ހުންނެވިއިރު ވެސް މިތަންތަނަށް އަރާފައިވާ ޖޫރިމަނާތައް މައާފުކުރަން ފާސްކޮށް، އެކަން ކޮށްފައިވެ އެވެ. އަދި އެކަން ކޮށްދެވަން ނިންމަވާފައިވާކަން ރައީސް މިހާރު އަނެއްކާވެސް އިއުލާންކުރައްވާފައިވާތީ އިތުރަށް ކައުންސިލުގެ ތަޅުމުން އެކަން ފާސްނުކޮށް ވެސް އެކަން ކުރެވޭނެ ކަމަށް ބުނެ ޕީއެންސީގެ މެންބަރުން ފެއްޓި ބަހުސްއާ އެކު މިއަދުގެ ޖަލްސާގައި ހޫނު ޒުވާބުތަކެއް ހިނގި އެވެ.
ނަމަވެސް، މި ބައްދަލުވުމުގައި ކައުންސިލުގެ ފައިނޭންސް ކޮންޓްރޯލަރު އަހުމަދު އިމާދު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން، ކައުންސިލުން ފާސްކޮށްގެން އެކަން ކުރުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން:
މި ފްލެޓުތައް އަމިއްލަ ކުރަން 2004 ވަނަ އަހަރު ހުޅުވާލިއިރު އެހާތަނަށް، ކުއްޔާއި މެއިންޓެނެސް ފީ އަދި ޖޫރިމަނާގެ ގޮތުގައި 2.6 ބިލިއަން ނުލިބި އޮތް
އެހާތަަނަށް ކުލީގެ ޖޫރިމަނާގެ ގޮތުގައި 1.3 މިލިއަން ލިބެންޖެހޭ؛ އޭގެ ތެެރެއިން 860،445 ރުފިޔާގެ ޖޫރިމަނާ މީގެ ކުރިން ކައުންސިލުން މައާފުކޮށްދީފައިވޭ
މިދިޔަ މަހުގެ ނިޔަލަށް ކުލި އަދި މެއިންޓަނަސް ފީ އަދި ޖޫރިމަނާގެ ގޮތުގައި 25.9 މިލިއަން ރުފިޔާ ނުލިބިވޭ؛ މީގެެ ތެރެއިން %86 އަކީ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ
އެނގުން މުހިންމު - ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
އެ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެންނާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެ، ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުމަށް ރައީސް މިހާރު ވަނީ ނިންމަވާފަ އެވެ. އަދި އެ ތަންތަން މަރާމާތުކުރުމަށް އެސެސްމެންޓެއް ހަދަން ވެސް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ