ގުޅީފަޅު ގޯތިތަކުގެ އިންތިޒާރުގައި ތިބި މީހުންނަށް މިނިސްޓަރުގެ އާ ޖަވާބެއް ގުޅީފަޅު ގޯތިތަކުގެ އިންތިޒާރުގައި ތިބި މީހުންނަށް މިނިސްޓަރުގެ އާ ޖަވާބެއް

ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ދިގުލައި ގޮސް، އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު، އެކަން ލަސްވާ ސަބަބާއި، އެކަމަށް އޮތް ހައްލު ހާމަކުރައްވައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ގުޅީފަޅަކީ ބޮޑު ސަރަހައްދަކަށް ވެފައި، އެތަނުގައި އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހުރުމަކީ ގޯތި ހަވާލުކުރުން ލަސްވާ މައިގަނޑު ސަބަބު ކަމަށެވެ. އެހެންކަމުން، ގޯތި ލިބުނު ފަރާތްތަކަށް ބިން ދެއްކުމުގެ ކަންކަން ހަލުވިކުރުމަށްޓަކައި ވަރަށް އަވަހަށް އެ ރަށަށް ބަހެއް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ވަރަށް ބޮޑު ސަރަހައްދަކަށްވެފައި ދަތުރުފަތުރުގެ އަދި ވަކިން ހާއްސަކޮށް އެއްގަމު ދަތުރުފަތުރުގެ ދަތިކަން ގުޅީފަޅުގައި ހުރުމާ އެއްކޮށް ގޯތި ހަވާލުކުރުން ކޮންމެވެސް ވަރަކަށް ލަސްވެފައިވާތީ އަޅުގަނޑުމެން ބަހެއް ހޯދައި އެ ރަށަށް ބަހެއް ގެންދިޔުމުގެ މަސައްކަތް އެބަ ކުރިއަށްގެންދެވޭ. ބަސް ކުރިއަށް ގެންދެވުމާ އެއްކޮށް އަޅުގަނޑުމެންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް އަވަސް ކުރެވިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ
މި ސަރުކާރުން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އެތަނުން 3,520 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޭން ނިންމި 1,114 ގޯތި ވެސް ހިމެނެއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 2,751 މީހަކަށް ވަނީ އާ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަދި ބާކީ ތިބި މީހުންނަށް ރަޖިސްޓްރީ ހަދައިދިނުމާއި، ގޯތި ހަވާލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 އިން ދޫކުރި 709 ގޯތީގެ ތެރެއިން 699 ގޯތި މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ފޭސް 3 އިން ދޫކުރި 798 ގޯތީގެ ޕްލޭނަށް ބަދަލު އައުމާ ގުޅިގެން އަލުން ގުރުއަތުލުން ބާއްވާފައިވާ ކަމަށާއި، ގިރާވަރުފަޅު ހިއްކާ ނިމުމުން އެތަނުން ދޫކުރާ 4,072 ގޯތި ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ