ހާދީގެ ގާތިލު ހޯދުމަށް ދޭނީ 24 ގަޑިއިރު ކަމަށް ބުނެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ބަދަލުކުރަން މިދިޔަ އަހަރު ދަރިވަރުން އިސްވެ ހިންގި މުޒާހަރާތަކުގެ ލީޑަރެއް ކަމަށްވާ ޝަރީފް އުސްމާން ބިން ހާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދަރިވަރުންގެ މުޒާހަރާ ޖަމާއަތް، އިންގިލާބް މަންޗާއިން ސަރުކާރަށް ގޮވާލައިފިއެވެ. އެޖަމާއަތުގެ ސެކްރެޓަރީ އަބްދުﷲ އަލް ޖާބިރު ވިދާޅުވީ ގާތިލާއި، އެކަމުގައި ބައިވެރިވި އިތުރު މީހުންނާއި، ކަމުގެ މޭސްތިރިއާއި، ގާތިލު ފިލައިގެން ދިއުމަށް އެހީތެރިވި މީހުން 24 ގަޑިއިރު ތެރޭގައި ޝަރީއަތަށް ހާޒިރުކުރަންޖެހޭނެ ކަމަށެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ އިންޑިއާ މީހުންގެ ވޯކް ޕާމިޓް ސަސްޕެންޑް ކުރުން ހިމެނޭ ގޮތަށް އިތުރު ކަންތައްތައް ވެސް އެ ޖަމާއަތުން ޑިމާންޑުކޮށްފައިވެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްއިން ހިމާޔަތް ހޯދާފައިވާ އިންޑިއާ މީހުން އަނބުރާ ގެންދިއުމަށް ދެކޮޅު ހަދާނަމަ އިންޑިއާއާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަކަށް މައްސަލަ ހުށަހެޅުން ވެސް ހިމެނެއެވެ. އިންގިލާބް މޮންޗޯ ނުވަތަ ޕްލެޓްފޯމް ފޯ ރިވޮލިއުޝަންގެ ތަރުޖަމާނުގެ ގޮތުގައި ހުރި އުމުރުން 32 އަހަރުގެ ހާދީ މަރުވީ ވެރިރަށް ޑާކާގައި މި މަހުގެ 12 ވަނަ ދުވަހު ބެޓެރީ އިން ދުއްވާ އޮޓޯރިކްޝާއެއްގައި ދަތުރުކުރަމުން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. https://sun.mv/215529 އޭނާ މަރުވީ ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގައެވެ. ހާދީ ވަނީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވާދަކުރަން ވެސް ނިންމާފައެވެ. ހާދީ މަރުވުމާ ގުޅިގެން ބަންގްލަދޭޝްގައި މުޒާހަރާކޮށް ހަމަނުޖެހުން އުފެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ