އީރާނުން އެެއްފަހަރާ ތިން ސެޓަލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފި

ތެހެރާން (29 ޑިސެމްބަރު 2025) : އީރާނުން އެެއްފަހަރާ ތިން ސެޓަލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ. މި ތިން ސެޓަލައިޓްގެ ތެރެއިން އެއް ސެޓަލައިޓަކީ ބިމުއަޑީގައިވާ ގުދްރަތީ ރިސޯސްއާއި ލޭންޑް މެނޭޖްމަންޓާގުޅޭ ޓޭޑާ އެއްކުރުމަށް ޚާއްސަކޮށްފައިވާ ސެޓަލައިޓެކެވެ. އަނެއް ސެޓަލައިޓަކީ ރިމޯޓް ސެންސިންގް އާ ބެހޭ ސެޓަލައިޓެކެވެ. ތިންވަނަ ސެޓަލައިޓް އުފައްދާފައިވަނީ އީރާނުގައި އިންޓަނެޓްގެ ސްޕީޑް ހަލުއިކުރުމާއި ކޮމިއުނިކޭޝަން އިތުރަށް ވަރުގަދަ ކުރުމަށް ޚާއްސަކޮށްގެންނެވެ. އީރާނުގެ ސަރުކާރުގެ އެދުމުގެ މަތިން މި ތިން ސެޓަލައިޓް އުފައްދާފައިވަނީ އީރާނުގެ ސައެންސާއި ޓެކްނޮލޮޖީއާބެހޭ ޔުނިވާސިޓީއާއި އީރާނުގެ ފަޒާއާބެހޭ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ގުޅިގެންނެވެ. މި ތިން ސެޓަލައިޓް ޖައްވަށް ފޮނުވާލީ ރަޝިއާގެ ޒޮޔޯޒް ރޮކެޓުންނެވެ. މި ތިން ސެޓަލައިޓާއެކު ސޮޔޯޒް ރޮކެޓް އުދުއްސާލީ ރަޝިއާގެ ފަޒާއާބެހޭ މަރުކަޒެއްކަމަށްވާ ވޮސްތޮކްނީ ކޮސްމޮޑްރޯމް އިން އިއްޔެ ހަވީރުގައެވެ. ފަޒާއާބެހޭ އީރާނުގެ އިންޖިނޭރުންނާއި ސައެންވެރިންގެ ޓީމެއް އެމީހުން އުފެއްދި ދެ ސެޓަލައިޓާއެކު އީރާނުގެ ސެޓަލައިޓްތައް ފޮނުވުމަށް ރަޝިއާގެ ސޮޔޯޒް ރޮކެޓް ބޭނުންކުރީ ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށްޓަކައި ރަޝިއާއާއި އީރާން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އީރާނަކީ އަމިއްލަ ރޮކެޓްގައިވެސް ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. "ސަފީރު 1" އާއި "ސަފީރު 2" އަކީ ޖައްވަށް ސެޓަލައިޓް ފޮނުވުމަށް އީރާން ބޭނުންކުރާ ސޮލިޑް ފިއުލްގެ ދެ ރޮކެޓްއެވެ. މި ދެރޮކެޓް ބޭނުންކޮށްގެން އީރާނުން މިހާތަނަށް ހަ ސެޓަލައިޓް ޖައްވަށް ފޮނުވާފައިވެއެވެ. އަދި ރަޝިއާގެ ރޮކެޓްތައް ބޭނުންކޮށްގެންވެސް އީރާނުގެ އަމިއްލަ ސެޓަލައިޓްތައް ޖައްވުގެ އޯބިޓްތަކަށް ފޮނުވާފައިވެއެވެ. ފަޒާއާބެހޭ އީރާނުގެ ގައުމީ އިދާރާ "އިރާނިއަން ސްޕޭސް އޮގަނައިޒޭޝަން" ބުނާގޮތުން ޒޮޔޯޒް ރޮކެޓްގައި ރަޝިއާގެ ވޮސްތޮކްނީ ކޮސްމޮޑްރޯމް އިން އިއްޔެ ފޮނުވާލި އީރާނުގެ ތިން ސެޓަލައިޓްވެސް ބަހައްޓާފައިވަނީ ބިމުން ފެށިގެން 500 ކިލޯމީޓަރުގެ ދުރުމިނުގައިވާ އޯބިޓްތަކުގައެވެ. މި ސެޓަލައިޓްތަކުން ފޮނުވާ ސިގްނަލްތައް އީރާނުގެ ބިމުގެ ސްޓޭޝަނަށް މިހާރުވަނީ ލިބެންފަށާފައެވެ. "އިރާނިއަން ސްޕޭސް އޮގަނައިޒޭޝަން" ގެ ވެރިޔާ މުހައްރަމް ގިޔަންތުންދް ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ހިސާރާއި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި އެދެފަރަތުގެ ބިރުދެއްކުން ތަކާއެކުވެސް ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އީރާން ދާނީ ކުރިއަށެވެ. މިހާތަނަށް އީރާން އަމިއްލައަށް އުފައްދައި އަމިއްލަ ރޮކެޓްތަކުގައި ޖައްވަށް ފޮނުވާލާފައިވާ ސެޓަލައިޓް ތަކުންނާ އަދި ރަޝިއާގެ ރޮކެޓްތަކުގައި ފޮނުވާލާފައިވާ ސެޓަލައިޓްތަކުގެ އަދަދު 12 އަށް އަރާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އީރާން ވަނީ 2030 ވަނަ އަހަރުގެ ކުރިން ޖައްވަށް އިންސާނަކު ފޮނުވުމަށްވެސް ޕްލޭންކޮށްފައެވެ. އަދި ރަޝިއާއިން މިހާރު ޖައްވުގައި ގާއިމްކޮށްފައިވާ ސްޕޭސް ސްޓޭޝަންގައި އީރާނުގެ އެސްޓްރޮނޮޓުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާބެހޭ އެއްބަސްވުމެއްގައިވެސް އެދެގައުމު ވަނީ ސޮއިކޮށްފައެވެ. އީރާނުގެ ބައެއް އެސްޓްރޮނޯޓުން ރަޝިއާގައި ދަނީ މިކަމާބެހޭ ތަމްރީން ޕްރޮގްރާމުތައް ފުރިހަމަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ