ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 100 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 100 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެކި އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ފަހު އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކުޑަކުދިންގެ ހިޔާތަކުގައި ތިބި 110 ކުއްޖަކު، މިދިޔަ މަހުގެ ނިޔަލަށް 'ފޯސްޓަކެއާ'ގެ ދަށުން އެކިއެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ނަމުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ނަގަން ބޭނުންވާ އާއިލާތަކާ ހަވާލުކުރުމަށް ފަހު، އެކުދިންގެ ކަންކަން ވަރަށް ގާތުން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ވެސް އައިޝަތު ޝިހާމް ވިދާޅުވި އެެވެ.
އެގޮތުން ވިދާޅުވީ:
ފޮސްޓަރިން ނުވަތަ އަމިއްލައަށް ކުދިން ބޭނުންވެގެން އެދޭ މީހުން ދުވަހެއް ދުވަހަށް ދަނީ ގިނަވަމުން
އެގޮތަށް ކުދިން ގެންދާ އާއިލާތަކުން، އެކުދިން ބަލަނީ އާދަޔާ ހިލާފު ރަނގަޅަށް
އާއިލާއަކާ ނުލައި ބޮޑުވާ ނަމަ ކުޑަކުދިންނަށް ދަސްވަންޖެހޭ ވަރަށް މުހިންމު ދިރިއުޅުމުގެ ހުނަރުތަކެއް މަދުވާތީ، މިނިސްޓްރީން އަބަދު ވެސް ބާރުއަޅަނީ އާއިލާއެއްގެ ތެރޭގައި ކުދިން ހެދިބޮޑުވަށް
"މިނިސްޓްރީގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން މި [ކޮންމެ ކުއްޖަކަށް އާއިލާއެއް] ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އަޅުގަނޑުމެންނާ އެކު މަސައްކަތްކޮށްގެން، ކުދިން އެއްވެސް ގޮތަކަށް ނުބެލެހެއްޓޭ، ނުވަތަ ބަލަހައްޓަން ބޭނުންނުވާ ކަމުގައި ވަންޏާ މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތްކުރުން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ވަގުތީ ގޮތުން، އާއިލާ ބިނާކުރުމަށް ފަހު ނުވަތަ މައްސަލަތައް ހައްލު ކުރުމަށް ފަހު، ކުއްޖާ އާއިލާއާ އަލުން ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އެކި ކަހަލަ ހާލަތްތައް މެދުވެރިވެގެން އާއިލާއަށް އަނބުރާ ނުދެވޭ ކުދިން ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެ އެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ހޯދައިދިނުމުގެ އަމާޒަކީ، އޭނާ ވިދާޅުވި ގޮތުގައި، އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެ ޕްރޮގްރާމުގެ ދަށުން:
ވަގުތީ ގޮތުން ކުއްޖަކު ބެލުމާ ހަވާލުވާ ނަމަ، ކުއްޖާ ހަވާލުކުރާނީ ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު؛ މިސާލަކަށް ދެ އަހަރަށް
އެ ދުވަސްވަރުގެ ތެރޭގައި، އުފަން އާއިލާއަށް އެ ކުއްޖާއަށް އަނބުރާ ދެވޭނެ މަގު ފަހިވޭތޯ ބަލައި އެކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ
އުފަން އާއިލާއަށް ނުދެވޭ ކަމަށްވާ ނަމަ، ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭނެ ނުވަތަ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ