އަންނަ ރޯދަ މަހަށް ބޭރުން ހާފިޒުން ގެންނަން ވިސާއަށް އެދެން ހުޅުވާލައިފި

އަންނަ ރޯދަ މަހު މިސްކިތްތަކުގައި ތަރާވިހު ނަމާދުކޮށް، ހިފުޒު ކުރުމަށް ރާއްޖޭން ބޭރުން ގާރީން ނުވަތަ ހާފިޒުން ގެނައުމަށް ވިސާއަށް އެދެން އިމިގްރޭޝަނުން އިއްޔެ ހުޅުވާލައިފިއެވެ. އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވިހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ހާފިޒުން ގެނައުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ މީހުންނަށް އެ ހާފިޒުން ގެންނަން ވިސާއަށް މިހާރު ހުށަހެޅޭނެ ކަމަށެވެ. މިގޮތުން، ޝަރުތު ހަމަވާ ހާފިޒުން ގެނައުމަށް ފީއެއް ނުދައްކައި، އެ މީހަކު ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ޚާއްސަ ވިސާއެއް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެ ވިސާއަށް ހުށަހަޅާނީ، އިމުގާ މެދުވެރިކޮށް ކަމަށްވާއިރު، ވިސާއަށް ހުށަހަޅާއިރު، ލިޔުންތަކެއް ހުށަހަޅަން ޖެހެއެވެ. އެއީ، ހާފިޒުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި ހާފިޒުގެ ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ފޯމާއި ވިސާއަށް އެދޭ މީހާގެ މައުލޫމާތު ފޯމެވެ. އޭގެއިތުރަށް، ޚާއްސަ ވިސާ ދޫކުރާ، ގާރީއެއް ނުވަތަ ހާފިޒެއްގެ އާއިލާ މެންބަރަކު ރާއްޖެ ގެންނަނަމަ، ސްޕޮންސާޝިޕް ޑެކްލެރޭޝަން ހުށަހަޅަން ޖެހޭކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. އެ ވިސާއަށް އެދި، އިމިގްރޭޝަންގެ އިމުގާ މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިމިގްރޭޝަނުން ބުނީ، ރޯދަ މަހު، މިސްކިތްތަކުގައި ނަމާދުކުރަން ގެންނަ ހާފިޒުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސާޝިޕް ޑެކްލެރޭޝަންއަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެ ކަމަށެވެ. އެއާއެކު، ތަރާވީހު ނަމާދު ކުރުމަށް ގެންނަ ހާފިޒުން ރާއްޖެ އައުމުގެ ކުރިން ވިސާއާ ގުޅޭ ކަންކަން ހަމަޖެއްސޭނެ ވަގުތު އޮއްވައި، ހުށަހެޅުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. "ސްޕެޝަލް ވިސާ" ނުވަތަ ސްޕޮންސާ ޝިޕް ޑެކްލަރޭޝަން" ހުށަހެޅުމަށް ފަހު، އެޕްލިކޭޝަންގެ މަރުހަލާ ނިމި، އިމިގްރޭޝަނުގެ ހުއްދަ ލިބިގެން ނޫނީ، ރާއްޖެ އަންނަން ދަތުރު ނުފެށުމަށް ވެސް އިމިގްރޭޝަނުން އިލްތިމާސްކުރިއެވެ. ބޭރުން ހާފިޒުން ގެނައުމަށް ވިސާއަށް އެދެން ހުޅުވާލިއިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ، ޒުވާން ހާފިޒުން އުފައްދައި، ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ