މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވައިލަނީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 15ގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން މިރޭ އިއުލާންކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ، ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. https://sun.mv/215998 އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ. އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓު ކަމަށްވާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ގޯއްޗާއި ފުލެޓު ދޫކުރުމަށް އިއުލާންކުރިއިރު، އެ މަރުހަލާ ކުރިއަށްގެންދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ސަރުކާރުން އަދިވެސް އަންނަނީ އެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ. އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް، ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ