މި ސަރުކާރުގެ ސިޔާސަތުގެ ދަށުން، މާލޭން ފުލެޓާއި ރަސްމާލޭން ގޯތިދޫކުރާ އުސޫލު ދަންވަރު އާންމުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލޭން ފުލެޓާއި ގޯތި ދޫކުރާ އުސޫލުތައް ދަންވަރު އާންމުކޮށްފިއެވެ. ރޭ އާންމުކުރި ބިން ދޫކުރުމުގެ އުސޫލުގައިވާ ތެރެއިން މާލެ ސަރަހައްދުންނާއި، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ ރަސްމާލޭން ސަރުކާރުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނެއެވެ. އަދި އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލޭން ކަމަށް، އުސޫލުގައިވެއެވެ. ދެ ކެޓަގަރީގެ ދަށުންވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެކެވެ. މި ކެޓަގަރީތަކުގެ ތެރެއިން އަންނަ ޖަނަވަރީ މަހުގެ 14ވަނަ ދުވަހާ ހަމައަށް މާލޭގެ ރަށްވެއްސެއް ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ މީހުންނަށް މާލެ ސަރަހައްދުން ނުވަތަ ރަސްމާލޭން ގޯއްޗަށް އެދެވޭނެއެވެ. އަދި ގޯއްޗަށް އެދި ކުރިމަތިލާ ފަރާތަކަށް 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެ ގޯތިން ބައެއް ލިބިފައިވާ ފަރާތަކަށް ވެގެނެއްނުވާނެއެވެ. ހަމަ އެހެންމެ އަނބިމީހާ ނުވަތަ ފިރިމީހާގެ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިވާ ފަރާތަކަށްވެސް، ގޯއްޗަށް އެދޭ ފަރާތް ވެގެނެއް ނުވާނެއެވެ. އުސޫލުގައިވާ ގޮތުން ކުރީ ސަރުކާރުގެ ބިންވެރިޔާ އާއި އެހެނިހެން ހައުސިން ސްކީމްތަކުގެ ދަށުން ގޯއްޗެއް ލިބިފައިވާ ފަރާތަަށްވެސް ވެގެނެއް ނުވާނެއެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއްނަމަ ރަސްމާލޭން ގޯތި ލިބޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ނަމައެވެ. އެހެންވިޔަސް ވަޒީފާއެއްގެ ޒިންމާއެއް އަދާކުރުމަށް މާލޭން ބޭރަށް ދާ ދިއުން، މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ ކަމަށް ނުބަލާނެ ކަމަށް، މިނިސްޓްރީގެ އުސޫލުގައިވެއެވެ. ބިން ދޫކުރުމުގެ އުސޫލުގެ އިތުރުން ފްލެޓު ދޫކުރާ އުސޫލުގައިވާ ގޮތުން، ފްލެޓުތައް ދޫކުރާނީ މާލެ ސަރަހައްދުން، ރެންޓް-ޓު-އޯން ނުވަތަ ކުލި ދައްކައިގެން މިލްކުކުރެވޭ ގޮތަށާއި އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް ނުވަތަ އަގުހެޔޮކޮށް ބޭންކު ފެސިލިޓީ މެދުވެރިކޮށް ފުލެޓު ހޯދޭ ގޮތަށެވެ. އޭގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ދަށުން ފްލެޓުތައް ދޫކުރާނީ ފުލެޓު ގަތުމަށް ނުވަތަ މިލްކުކުރުމަށް އެދޭ، ބޭންކަކުން ދޫކުރާ ހައުސިން ފައިނޭންސިން ފެސިލިޓީއަށް ޝަރުތު ހަމަވާ ނަމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ