އިންޑިއާގެ ޖާސޫސީ އުޅަނދަކާއި ރާއްޖޭގައި އޮންނަ ޑޯނިއާ އެއް ވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވައިފި އިންޑިއާގެ ޖާސޫސީ އުޅަނދަކާއި ރާއްޖޭގައި އޮންނަ ޑޯނިއާ އެއް ވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވައިފި

އިންޑިއާގެ އަސްކަރިއްޔާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދަކާއި ރާއްޖޭގައި އޮންނަ އެ ގައުމުގެ އަސްކަރީ އުޅަނދު ޑޯނިއާ އެއް ވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވައިފި އެވެ.
އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެއް ޑިސެމްބަރު 21، ގައި ލ. އަތޮޅު ކައިރިން ހުވަދޫ ކަނޑާއި ދިމާލުން ދުއްވި ކަމަށް ފުރަތަމަ ރިޕޯޓުކުރީ ވައިގެ ދަތުރުފަތުރާއި ބެހޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިންނެވެ.
މި ނޫހުން އިތުރަށް އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ހަމަ އެ ދުވަހުގެ އެ ވަގުތު ހަނިމާދޫގައި މަރުކަޒު ކޮށްފައި އޮންނަ ޑޯނިއާ ވަނީ އެ ރަށުން ފުރައިގެން ދިގު ދަތުރެއްކޮށް އެ ސަރަހައްދަށް ގޮސްފަ އެވެ.
އެ ދުވަހު ރާއްޖެ ސަރަހައްދަށް އައި އިންޑިއާ އަސްކަރިއްޔާގެ ވައިގެ އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN331 އެވެ. އެ އުޅަނދު ރާއްޖެއަށް ދަތުރުކުރީ ގޯއާ ގައި ހުންނަ އިންޑިއާގެ އަސްކަރީ މަރުކަޒު، އައި.އެން.އެސް ހަންސާ އިން ފުރައިގެންނެވެ.
ވައިގެ ދަތުރުތައް ޓްރެކްކުރާ ސައިޓުތަކުން ފެންނަން ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެ އުޅަނދު އެ ދުވަހުގެ ދަތުރު ފެށީ ރާއްޖެ ގަޑިން ހެދުނު 8:45 ހާއިރު އެވެ. ލ. އަތޮޅުގެ އިރުން 80 ކިލޯމީޓަރެއްހާ ކައިރިއަށް އާދެވުނީ ދެ ގަޑިއިރުގެ ދަތުރަކަށްފަހު އެވެ.
އެ ދުވަހު ޑޯނިއާ ހަނިމާދޫ އިން ފުރީ ހެދުނު 7:40 ހާއިރު އެވެ. ޑޯނިއާ އަށް ލ. އަތޮޅު ކައިރިއަށް ދެވުނީ 9:00 ހާއިރު އެވެ. ޖެހިގެން އައި ދެ ގަޑިއިރެއްހާއިރު ޑޯނިއާއިން ވަނީ ލ. އަތޮޅު ކައިރިން ދުއްވާފަ އެވެ. އެ އަތޮޅުގެ އިރާއި ދެކުނުން ޑޯނިއާ ބުރު އަޅާފައިވަނީ 9،000 ފޫޓުގެ އުސްމިނެއްގަ އެވެ. ލ. އަތޮޅާއި އެންމެ ކައިރިން ދުއްވީ އެ އަތޮޅުގެ ފޮނަދޫގެ އިރުދެކުނުން 15 ވަރަކަށް ކިލޯމީޓަރު ދުރުންނެވެ.
އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުން ރާއްޖެ ސަރަހައްދަށް ދަތުރުކުރީ 31،000 ފޫޓުގެ އުސްމިނެއްގަ އެވެ. ނަމަވެސް ލ. އަތޮޅާއި ކައިރިއަށް އައިސް އެ އުޅަނދުން ވަނީ ދުއްވަމުންދިޔަ އުސްމިން ވަރަށް ބޮޑުތަނުން ދައްކޮށްފަ އެވެ. އެގޮތުން ލ. އަތޮޅާއި އެންމެ ކައިރިން ދަތުރުކުރީ 11،000 އެއްހާ ފޫޓު މަތިންނެވެ.
ޑިސެމްބަރު 21، ގައި އިންޑިއާގެ ޖާސޫސީ އުޅަނދު (ވ) އަދި ޑޯނިއާ (ކ) ގެ ދުއްވި ގޮތް ---- ފޮޓޯ: ފްލައިޓް ރާޑަރު
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތަކުގެ ތެރެއިން އެއް ހެލިކޮޕްޓަރު މަރުކަޒު ކޮށްފައި އޮންނަނީ ލ. ކައްދޫ އެއާޕޯޓުގަ އެވެ.
އެ ސަރަހައްދު ދޫކޮށް ޑޯނިއާ ހުޅުލެއަށް ދަތުރު ފެށިއިރު ވެސް އިންޑިއާގެ ޖާސޫސީ އުޅަނދު އޮތީ ލ. އަތޮޅު ކައިރީގަ އެވެ. ޑޯނިއާ އިން އެނބުރި ވީއައިއޭ އަށް ޖެއްސީ އެ ދުވަހު ހެދުނު 11:20 ހާއިރު އެވެ. ބެލެވޭ ގޮތުގައ ހަނިމާދޫއަށް ދިޔުމުގެ ކުރިން ހުޅުލެއަށް ޖެއްސީ ތެޔޮ އެޅުމަށެވެ. ޑޯނިއާ އެނބުރި ހަނިމާދޫއަށް ދިޔައީ އެ ދުވަހު ހަވީރު އެވެ.
ހަތަރު ގަޑިއިރު ވަރު ހުވަދޫ ކަނޑު ކައިރިން ދުއްވި އިންޑިއާގެ ޖާސޫސީ އުޅަނދު ގއ. އަތޮޅާއި ވަރަށް ކައިރިން ވެސް ދުއްވި އެވެ. އެންމެ ކައިރިވީ ގއ. ވިލިނގިއްޔާ އެވެ. އެ އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ބުރު އެޅުން ނިންމާ އެނބުރި އިންޑިއާއަށް ދަތުރު ފެށީ އެ ދުވަހުގެ މެންދުރުފަހު 2:45 ހާއިރު އެވެ.
މިއީ މި ފަހުން އިންޑިއާގެ އަސްކަރިއްޔާއިން ޖާސޫސީ މިޝަންތަކަށް ބޭނުންކުރާ P-81 Neptune މަރުކާގެ އުޅަނދުތަކުން ރާއްޖެ ސަރަހައްދަށް ވަދެ ދަތުރުކުރިކަން މި ނޫހަށް ފާހަގަވި ތިންވަނަ ފަހަރެވެ. ކުރީ ދެ ބުރު އެ އުޅަނދުތައް އައީ ރާއްޖޭގައި އިންޑިއާގެ ވާދަވެރި ޕާކިސްތާނުގެ ދެ މަނަވަރެއް ރާއްޖޭގައި އޮތް ދުވަސްވަރު އެވެ.
އެގޮތުން ނޮވެމްބަރު 1، ގައި ޕާކިސްތާނު އަސްކަރިއްޔާގެ "ޕީއެންއެސް ސައިފް" ރާއްޖޭގައި އޮއްވާ އަދި މާޗު މަހު ޕާކިސްތާނު އަސްކަރިއްޔާގެ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ އައިސް ދިވެހި ސިފައިންނާއެކު ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް މި މަރުކާގެ ދެ ބޯޓެއް ރާއްޖެ ކައިރިން ދުއްވި އެވެ.
މި ތިން ފަހަރު ވެސް އުޅަނދުތައް ފުރި އައި.އެން.އެސް ހަންސާ އަކީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދާއި އަރަބި ކަނޑު އަދި އިންޑިއާގެ ހުޅަނގު އައްސޭރީގައި ޖާސޫސް ކުރުމަށް އަދި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ޕޮސައިޑަން މަރުކާގެ ބޯޓުތައް މަރުކަޒުކޮށް ބަހައްޓާ ތަނެވެ.
އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.
މިފަހަރު މި ބޯޓާއެކު ޑޯނިއާއިން ދުއްވިއިރު، އެ އުޅަނދު ދުއްވަން ތިބި އިންޑިއާ ސިފައިން މި ސަރުކާރުން ފޮނުވާލައި، މިހާރު އެ އުޅަނދު ދުއްވަނީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީން ކަމަށް ދެ ގައުމުގެ ސަރުކާރުން ބުނެ އެވެ.
އިންޑިއާ ސިފައިން އަދި އެ ގައުމުގެ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި، މިދިޔަ ސަރުކާރުގެ ދުވަސްވަރު މި އުޅަނދުތައް ދުއްވުމާއި އިންޑިއާގެ ސިފައިން ތިބުމަކީ އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން އެންމެ ބޮޑަށް ދެކޮޅު ހެދި އެއް ކަމެވެ.
އޭރު ހިންގި އިންޑިއާ އައުޓް ކެމްޕޭނުގައި ގޮވާލަމުން ދިޔައީ އިންޑިއާގެ އަސްކަރިއްޔާ ބޭރުކޮށް އޭރު ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތައް އުވާލުމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އިންޑިއާގެ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އެގްރީމެންޓު އައު ކޮށްފަ އެވެ.
ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު މިހާރު ދުއްވަނީ މި ސަރުކާރުގެ އެދުމުގެ މަތިން، އެއްބަސްވުންތައް އާކޮށްގެން ކަމަށް އިންޑިއާ ސަރުކާރުން އިއުލާނުކުރީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިން ޖުލައި 25، ގަ އެވެ.
މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ އެއްބަސްވުންތައް އާ ކުރީ ދިވެހި ސަރުކާރުން ބޭނުންވެގެން ކަމަށެވެ.
ޑޯނިއާ ދުއްވާ އިންޑިއާގެ މަދަނީން އަމަލުކުރަނީ ކުރިން ތިބި އިންޑިއާގެ ސިފައިން ވެސް އަމަލުކުރި އެއްބަސްވުމަށެވެ. އެ އެއްބަސްވުމުގައި ބުނާ ގޮތުން އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވޭނީ ދިވެހި ސަރުކާރާއި ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އެ ފަރާތްތަކުގެ ހުއްދައާއެކު އެވެ.
ނަމަވެސް މި ދަތުރާއި ގުޅޭގޮތުން އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީން ބަހެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ