ޙައްޖުގެ އަޅުކަމަށް ސަޢުދީއިން އިތުރު ކޯޓާ ދޫކުރާނަމަ، ރާއްޖެއަށް ކޯޓާ ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ޙައްޖުގެ ކަންކަމުގައި ސަޢުދީއާއި ރާއްޖެއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަމަށާއި، ބޮޑު އެއްބާރުލުމެއް ރާއްޖެއަށް ލިބޭކަމަށެެވެ.
ވަޒީރު ވަނީ ކުންފުނިތަކަށް ދޭ ކޯޓާ ވަރަށް ބޮޑަށް މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ޙައްޖު ކިއު ދިގުވުމުގެ މައްސަލަ ހުރިހާ ޤައުމަކަށް ދިމާވާކަމަށެވެ. މިހާބޮޑަށް ކިއުއަށް މީހުން އިތުރުވާން ދިމާވި ސަބަބަކީ، ކޯވިޑާއި ގުޅިގެން 3 އަހަރު، ޙައްޖުން ފުރުޞަތު ނުލިބުމުންކަމަށެވެ. އެގޮތުން ފުރަތަމަ 2 އަހަރު އެއްވެސް ކޯޓާއެއް ދޫނުކުރާއިރު، 3 ވަނަ އަހަރު ލިބުނީ 400 ކޯޓާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޙައްޖުގެ ކަންކަން ކުރިއަށްގެންދަނީ ވަރަށް ތަރުތީބުންކަމަށެވެ. އެގޮތުން އާއްމު ރައްޔިތުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަނޑައަޅާ ވަކި އިންސައްތައަކާއި، ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ސަރުކާރުން ދޭ 50 ކޯޓާއާއި އެހީތެރިންނާއި އަދި ސަރުކާރުގެ ރަސްމީ ބޭނުމަށް ނަގާ ކޯޓާ ހިމެނެއެވެ.
ވަޒީރު ވިދާޅުވީ ކުރީގެ އަހަރުތަކުގައި ކުންފުނިތަކަށް ޚާއްސަކޮށް ކޯޓާތަކެއް ދޭ ކަމަށާއި، އެ ޢަދަދު މިހާރު ވަރަށް ބޮޑަށް މަދުކޮށްފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ކުންފުނިތަކަށް ޚާއްސަކޮށް އެ އަހަރު ޙައްޖަށް ދެވޭގޮތަށް ކޯޓާ ދިނުމަކީ ޤަބޫލުކުރާ ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ދެއްކުމުން، ކިއުއަށް އަރަން ރަޖިސްޓްރީކުރެވޭގޮތަށް އެކަން ކުރުމަކީ އެންމެ ރަނގަޅު އުސޫލުކަމަށް ދެކޭކަމަށެވެ.
"ސަރުކާރުން ކޮންމެ އަހަރަކުވެސް ކޮންމެސް މިންވަރަކަށް ކޯޓާ ރިޒަރވް ކުރޭ. މި ސަރުކާރު އައުމުގެ ކުރީގައި 500އެއްހާ ކޯޓާ ކިއުގައި ތިބޭ އާއްމު ރައްޔިތުންނަށް ދޫކުރީ. ނަމަވެސް އެހީތެރިންނާއެކު އާއްމު ރައްޔިތުންނަށް 800އަށްވުރެ ގިނަ ކޯޓާ އެބަ ދޫކުރޭ. މިއީ ސިޔާސީ ވާހަކައެއް ނުން. ޙާލަތު ތަރުތީބުވެގެން އައި ގޮތް." ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ސައުދީއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރާއްޖޭގެ އާބާދީއަށް ކޯޓާ ލިބެނީ، ކޮންމެ 1،000،000 މުސްލިމުންގެ އާބާދީއަށް ދޭ 1000 ކޯޓާގެ އުސޫލުގެ ދަށުންނެވެ. މީގެ ކުރީގެ އަހަރުތަކުގައި ޖާގައަށް ބަލާ އިތުރު ކޯޓާ ދޫކުރެއެވެ. ވަޒީރު ވިދާޅުވީ މިގޮތަށް މިހާރު އިތުރު ކޯޓާ ދޫ ނުކުރަނީ ޙައްޖާ ގުޅޭ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ސަޢުދީގައި ކުރިއަށްދާތީކަމަށެވެ.
ނަމަވެސް މި މަސައްކަތްތައް ނިމި، ހުޅުވާލުމުން ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށާއި އެކަމުގެ ޔަގީންކަން ސަޢުދީއިން ދެއްވާކަމަށެވެ.
"މައްކާ މަދީނާގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާތީ އިތުރު ކޯޓާ ދޫނުކުރަނީ. ރައީސުލްޖުމްހޫރިއްޔާއާއި ސަޢުދީ ސަރުކާރާއެކު އެންމެ މަތީ ފަންތީގެ މަޝްވަރާ ކުރިއަށްދޭ. އެއްވެސް ޤައުމަކަށް އިތުރު ކޯޓާ ދޫކުރާ ޙާލަތުގައި ރާއްޖެއަށް ކޯޓާ އިތުކޮށްދޭނެ. މިދުވަސްވަރު އިތުރު ކޯޓާ ދޫނުކުރަނީ ތަރައްޤީގެ މަސައްކަތްތަކާ ގުޅިގެން." ވަޒީރު ވިދާޅުވިއެވެ.
މިހާރު އުސޫލު އޮންނަގޮތުން ޙައްޖު ކިއުއަށް އެރެނީ، ޙައްޖައް ދާން ދައްކަންޖެހޭ ފައިސާގެ %75 ފައިސާ ދައްކާ ނިމުމުންނެވެ. އަދި ލިސްޓުގައި އެމީހެއްގެ މަޢުލޫމާތު ނުވަތަ ޙައްޖައްދާ ލިސްޓުގައި ނަން އޮތް އަހަރު، ޙައްޖު ކޯޕަރޭޝަން ވެބްސައިޓް އަދި ފަހެލި ޕޯޓަލް މެދުވެރިކޮށް ބެލޭނެއެވެ.
ވަޒީރު ވިދާޅުވީ މި ދެ އަހަރު ދިވެހި ޙައްޖުވެރިންނަށް ލިބޭ ޚިދުމަތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަވާކަމަށެވެ. އެގޮތުން މިނާގެ އިންތިޒާމުތަކާއި، މަދީނާ ދަތުރު ހައި ސްޕީޑް ރެއިލްގައި ކުރަން ފެށުމަކީ ބޮޑު ލުއިފަސޭޙައެއްކަމަށެވެ. އަދި ޙައްޖުވެރިން ޙައްޖަށް ދިއުމަށް ދައްކާ ފައިސާގެ އިތުރުން، ދަޢުލަތުންވެސް މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު ހޭދައެއް ކުރާކަމަށް ވާޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.
އިތުރު ކޯޓާއަށް ހުޅުވާލާނަމަ، ރާއްޖެއަށް ލިބޭނެކަމުގެ އުއްމީދު ބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ