ދަރުމަވަންތަ ހޮސްިޕޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މިހާރަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗްގައިވެސް ކެތުލެބެއް ޤާއިމްކޮށްފައިވެއެވެ. އަދި މާލެއިން ބޭރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މި ޚިދުމަތް މިހާރު ވަނީ ޤާއިމްކޮށްފައެވެ. އައްޑޫ ކެތްލެބްވެސް ހިންގަނީ އައިޖީއެމްއެޗްގެ އެހީގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހައިބްރިޑް ކެތު ލެބު ޤާއިމްކޮށްފައިހުރިކަމަށެވެ. ނަމަވެސް ޚިދުމަތްތައް އިތުރުކުރުމަށްޓަކައި އިތުރު ކެތްލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށާއި މިކެތުލެބުވެސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މިހާރު ހުންނަ ކެތުލެބުގައި ސިންގަލް ޕްލޭނަރ އެއް ހުރިނަމަވެސް ދެން ތަރައްޤީ ކުރާތަނުގައި ބައިޕްލޭނަރއެއް ބަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ފައިސާ ހަމަޖެހިފައިވާމަށާއި މެޝިންތައް ގެނެސް އިންސްޓޯލްކޮށް މިއަހަރުގެ 3 ވަނަ ކުއާޓާގައި އައު ކެތުލެބް ބޭނުން ކުރުވޭނެކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން މީގެ 10 އަހަރު ކުރިން އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ކެތުލެބް އަޕްގްރޭޑް ކުރަން ޖެހޭކަންވެސް އޭނާ ފާހަގަކުރައްވާފައެވެ.
" ރޫމް އިންނާނީ ރެޑީގައި. މެޝިން ބަހައްޓަން ޖެހޭނީ. އެތަނަށް މި ގެންނަނީ ބައިޕްލޭނަރ އެއް. ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތައް ސިކުނޑީގެ ސާޖަރީތައް ހެދުމަށް ފަސޭހަވެގެންދާނެ." މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ކެތު ލެބު ޤާއިމްކޮށްފައިވަނީ އެހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައެވެ. އެތަނުގައި ވަނީ ނިއުރޯ ސަރޖިކަލް، އެންޑޯވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ޤާއިމްކޮށްފައެވެ. މިކެތުލެބާއެކު ފަރުވާހޯދުމަށް ރާއްޖެއިން ބޭރަށް ދާދިއުމަށް ނިމުމެއް އަންނާނެއެވެ. މީގެއިތުރުން ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ސިކުނޑީގެ ޓިއުމަރ ލޭ ސަޕްލައިއާ ގުޅުންހުރި ނާރުގެ ފަރުވާއާއި ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މިއާއެކު ސަރުކާރުން ވަނީ 2024 ވަނަ އަހަރު ދަރިމައިވުމުގެ ފަރުވާއާއި ކެތުލެބާއި، ކުޑަކުދިންގެ އިމަރޖެންސީ ފަރުވާއާއެކު މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ ހޮސްޕިޓަލް ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ